މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކާއެކު، މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތަކީ ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިއީ 15 އަހަރުންދަށާއި، 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.
ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާއިން ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ މީކާއިލް ބިން މަދަދުﷲ އެވެ. މީކާއިލްއަށް މި އުމުރުފުރާގެ އެއްވަނަ ލިބުނީ އަޒްލާން އައުޒަލް ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކުރުމުންނެވެ. މިމެޗު މީކާއިލް ހޯދާފަވަނީ 25-06، 09-25 އަދި 17،16 އިންނެވެ. މި އުމުރުފުރާގެ ދެވަނަ އަޒްލާން ހޯދާފަވާއިރު ތިންވަނަ ލިބިފަވަނީ އަހުމަދު ޝަމާލް ސައުދުﷲ އަށެވެ.
މިމުބާރާތުގެ ސިންގަލްސް އަންހެން މެޗުތަކަށް ބަލާއިރު، އާއިޝަތު މަންޝާ ވަނީ ސީދާ ދެ ސެޓުން އާއިޝަތު އަލީޝާ ބަލިކޮށް މިބައިގެ އެއްވަނަ ހޯދާފައެވެ. މަންޝާ މިމެޗު ކާމިޔާބުކުރީ 19،13 އަދި 25-06 އިންނެވެ. މި ކެޓެގެރީގެ ދެވަނަ އަލީޝާ ހޯދާފަވާއިރު، ތިންވަނަ ލިބުނީ އިންޝާ އިކުލީލް އައްބާސްއަށެވެ.
ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުންދަށުގެ އުމުރުފުރާގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެން ބައިން އެއްވަނަ ހޯދާފަވަނީ މީކާއިލް ބިން މަދަދުﷲ އާއި މުޙައްމަދު ޒީހާންގެ ޕެއާރއިންނެވެ. އަދި ދެވަނަ އަލީ އަހުކަމް އާދަމް އަދި އަހުމަދު މައިޝާންގެ ޕެއާރއިން ހޯދިއިރު، ތިންވަނަ ގެންދިއައީ އަޙްމަދު ނައިސަމް އަދި މީކާލް މުބާހް މުޙައްމަދުގެ ޕެއާއިންނެވެ.
މި އުމުރުފުރާގެ އަންހެން ޑަބަލްސް ކެޓެގެރީން އާމިނަތު ކައިސާ ބިންތި އަބްދުﷲ އަދި އިންޝާ އިކުލީލް އައްބާސްގެ ޕެއާރ އެއްވަނަ ހާސިލް ކުރިއިރު، އާމިނަތު އިލްހާ ނިޔާޒް އަދި ޒުލައިޚާ ލީން ހުސައިންގެ ޕެއާރއިންވަނީ ދެވަނަ ހޯދާފައެވެ. އަދި މި ކެޓެގެރީގެ ތިން ވަނަ ހޯދީ އާއިޝަތު ރީމް އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާރއިންނެވެ.
މިމުބާރާތުގައި ޖުމްލަ 146 ކުއްޖަކު ވާދަކުރިއިރު، އެއީ 15 އަހަރުންދަށުގެ އުމުރުފުރާގައި 84 ކުއްޖަކާއި އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރި 65 ކުއްޖެކެވެ. މިދިޔަ ޖޫންމަހުގެ 29 ވަނަ ދުވަހު ފެށި ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ ކުޅުން ކުރިއަށް ގޮސްފަވަނީ ހުޅުމާލޭ ކެރަމް އެރީނާގައެވެ.