ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސިންޖިލް އަވަށުގެ މެދުން ދަގަނޑު ފެންސެއް ޖަހައި، އެ ސަރަޙައްދު މާސިންގާ ޖަލަކަށް ޔަހޫދީން ހަދައިފިއެވެ.
ރާމަالله ކައިރީގައި އޮންނަ ސިންޖިލް އަވަށަކީ ގާތްގަނޑަކަށް 8،000 މީހުން ދިރިއުޅޭ އަވަށެކެވެ. ޔަހޫދީން ވަނީ އެ އަވަށުގައި އުސްމިނުގައި 20 ފޫޓޫ ހުންނަ، 1.5 ކިލޯމީޓަރު ދިގު ފެންސެއް ޖަހާފައެވެ. އެ އަވަށުން ވަދެ ނިކުތުމަށް ޤާއިމުކޮށްފައި ހުރީ ގޭޓު ހަރުކޮށްފައި ހުރި އެއް ދޮރާއްޓެވެ. އެ ސަރަޙައްދުގައި ޔަހޫދީ ސިފައިން ފޯރިމަރަމުންދާއިރު ދުއްވާއެއްޗެހި ދަތުރުކުރުމަށް ވެސް ހުރަސްއަޅައެވެ.
ސިންޖިލްގައި ދިރިއުޅޭ އުމުރުން 52 އަހަރުގެ މުސާ ޝަބާނާ ބުނީ ސިންޖިލަކީ މިހާރު ޖަލެއް ކަމަށެވެ. އޭނާ ބުނީ ޔަހޫދީން ފެންސުޖަހާފައި ވަނީ ގަސް ހައްދައި ވިއްކުމުގެ މަސައްކަތް ކުރުމަށް އޭނާ ޤައިމުކުރި ނާސަރީއެއްގެ މެދުން ކަމަށެވެ. އެއާއެކު ކާންބޯން ފައިސާ ހޯދުމަށް ކުރަމުންދިޔަ ހަމައެކަނި މަސައްކަތް ހުއްޓާލުމަށް މަޖުބޫރުވެފައިވާ ކަަމަށާއި އެ ނާސަރީއަށް ވަނުން ވެސަް ޔަހޫދީން މަނާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެ ތަނުގައި ހުރި ހުރިހާ ގަހެއްގައި ޔަހޫދީން ހުޅުޖަހާ ރޯކޮށްލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސިންޖިލްގެ މޭޔަރުގެ ނައިބު ވިދާޅުވީ ފެންސުޖަހުމާ ގުޅިގެން އެ އަވަށުގެ 8،000 މީހުން 0.04 އަކަކިލޯމީޓަރުގެ ކުޑަ ސަރަޙައްދެއްގައި ދިރިއުޅުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަމިއްލަ ފަރުދުންގެ 80.9 އަކަކިލޯޓީމަރުގެ ދަނޑުބިންތަކާ ސިންޖިލްގެ ރައްޔިތުން އެކަހެރިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުންސިންޖިލްގެ ދަނޑުވެރިންނާއި އެކްޓިވިސްޓުން ވަނީ ފެންސު ޖެހުމަށް ބިން ބޭނުންކުރުމުގެ ސަބަބުން އެ އަވަށުގެ 0.02 އަކަކިލޯމީޓަރުގެ ދަނޑުބިން ގެއްލިފައިވާ ކަމަށް ބުނެފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ހުޅަނގު އައްސޭރީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެ ގޮތުން އިތުރު ޗެކްޕޮއިންޓުތައް ޤާއިމްކޮށް، މަގު ބަންދުކުރުމާއި ސިންޖިލްފަދަ އަވަށްތަކުގަައި ދާއިމީ ފެންސުތައް ޖެހުން ހިމެނެއެވެ.
ފެންސު ޖެހުމުގެ ސަބަބުން ސިންޖިލްއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތައް ވެސް ވަނީ އިތުރުވެފައެވެ. މީގެ ކުރިން މަދު މިނެޓު ކޮޅެއްގެ ތެރޭގައި ދެވޭ ތަންތަނަށް ދަތުރުކުރުމަށް ޗެކްޕޮއިންޓުތަކުގެ ސަބަބުން މިހާރު އެތައް ގަޑިއިރެއް ނަގައެވެ. އެއާއެކު މަސައްކަތްތެރިންގެ މަސައްކަތަށް ހުރަސްއެޅި، ޢާއިލާ ކައިރިއަށް ދިޔުމުގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބިގަތުމަށް ވަނީ ދަތިތައް ކުރިމަތިވެފައެެވެ.
ފަލަސްޠީނުގެ އިދާރާތަކުން ބުނަނީ ޔަހޫދީން އަޅާފައިވާ ފިޔަވަޅުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަދަބެއް ކަމަށެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީ ހޯދާނެ މަގުތައް ގެއްލި އާއްމުން ޙާލުގައި ޖެހެމުންދާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ. ސަލާމަތީ ސަބަބުތަކަށް ކަމަށް ބުނެ ޔަހޫދީން އަޅަމުންދާ ފިޔަވަޅުތަކަކީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ އެ ބިންތަކުގައި ދިރިއުޅޭ މީހުން އެ ސަރަޙައްދުތަކުން ބޭރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ.