ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ޓަރމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އޮފިޝަލަކު މިހެން ވިދާޅުވީ ވީއައިއޭގެ ވީއައިޕީ ޓަރމިނަލް ހިންގުން ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ވީއައިއޭގެ ވީއައިޕީ ހިންގުން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ޓަރމިނަލެއް ހިންގުން ބޭރު ބަޔަކާއި ހަވާލުކުރަން ނިންމާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއޭސީއެލަށް އަބަދުވެސް އެކި ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ލިބޭކަން ފާހަގަކުރައްވައި އޮފިޝަލު ވިދާޅުވީ ދުބާއީގެ ކުންފުންޏަކުންވެސް ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ޕްރޮޕޯސަލާ ގުޅިގެން އެއްވެސް ނިންމުމެއްެ ނިންމާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނިންމާނީ ކުންފުންޏާއި ޤައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެންކަމަށްވެސް ސަރުކާރުގެ އޮފިޝަލު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ޓަރމިނަލްގެ އިތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުވެސް ބޭރުގެ ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެފަދަ ނިންމުމެއް މިހާތަނަށް ސަރުކާރުން ނިންމަވާފައި ނުވާ ކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.