ޚަބަރު

ރައީސްގެ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ގެންގޮސްދިނީ އާ އުސްމިންތަކަކަށް: ވަޒީރު ސަޢީދު


  • ޗައިނާ - މޯލްޑިވްސް މިނިވަން ވިޔަފާރިން ގިނަ ފުރުސަތުތަކެއް ވަނީ ފަހިވެފައި

  • އެއްބަސްވުމަށް އަމަލުކުރަން ފެށީ މިއަހަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސްދީފައިވާކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް ތައްޔާރުކުރަން ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ކަނޑުމަހުން މަސްދަޅު އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ. އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ.

މިކަމާއި ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެ - ޗައިނާ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގެ ސަބަބުން 2 ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ ފުޅާވަމުން އަންނަކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ލިބިގެން ދިޔަ ލުއިތަކާއިއެކު ރާއްޖޭގައި ބާނާ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދަން ފަށާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެޅުއްވި މި ހަރުދަނާ ފިޔަވަޅުގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ތިމާވެއްޓާއި އެންމެ ރަޙުމަތްތެރި ގޮތެއްގައި މަސްވެރިކަން ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރާއްޖެއިން ކަނޑުމަސް ބާނަމުންދަނީ ދޮށީގައި ފަހަރަކު މަހެކެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ކަނޑުމަހުގެ އަގު ވަނީ އުފުލިފައެވެ.

ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމަކަމަށް ވާނެކަމަށް އެއިރުވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި ސީފުޑްގެ ބާވަތްތައް ރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތައް އަގުއެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެއެވެ.