55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒިރު ޢާދަމް ޝަރީފް ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައިިވާކަމަށެވެ. އަދި އެ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، އެ މަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.
55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މިމަސައްކަތް އެހެން ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން.
— Adam Shareef Umar (@Adamshareefz) July 6, 2025
55 ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިޔާގެ އެ ކުންފުންޏާ ހަވާލުކުރީ މިއހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް އިމާރާތް ކުރުމަށްވެސް ނިންމަވާފައެވެ.
އާ ކައުންސިލްތަކުގެ އިމާރާތްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށާއި މަސައްކަތް ކުރުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށެވެ.