ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރައްވައިފިއެވެ. މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކުޅުދުއްފުށީ ރީޖނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ސިއްޙީ ޚިދުމަތް 1960ގެ ފަހުކޮޅުން ފެށިގެން ކުޅުދުއްފުށީގައި ދެމުން ދިޔަނަމަވެސް އަސާސީ ޚިދުމަތެއްގެ ގޮތުގައި ޚިދުމަތް ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ. މިވީ 43 އަހަރުގެ ތެރޭގައި ހޮސްޕިޓަލުންވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އަހަރީ ދުވަހުގެ ޖަލްސާގައިވަނީ މުހިންމު 3 ޚިދުމަތެއް ހޮސްޕިޓަލުގައި އިފްތިތާޙްކުރައްވާފައެވެ. އޭގެތެރޭގައި ޓެލެމެޑިސިންގެ ޕައިލެޓް ޕްރޮޖެކްޓްވެސް ހިމެނެއެވެ.
މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ޓެލެމެޑިސިންގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދެމުންގެންދާނީ އައިޖީއެމްއެޗާއި ފ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެންނެވެ. އެގޮތުން ފ.އަތޮޅުގައި ނެތް ޚިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލުން އަދި، ކުޅުދުއްފުށި ހޮސްޕިޓަލުގައި ނެތް ޚިދުމަތްތައް އައިޖީއެމްއެޗް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މިއާއެކު ޓެސްޓުގެ ނަތީޖާ އޮންލައިންކޮށް ދައްކާލުންފަދަ ފަސޭހަތައް ލިބިގެންދާނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީ ވިދާޅުވީ، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
“ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނައިން މާލެއަށް ރިފަަރކުރަންޖެހިފައިވަނީ ހިތުގެ ބަލިތަކާއި އަދި ސްޓްރޯކްގެ ކޭސްތަކުގައި. އެހެންކަމުން ޓެލެމެޑިސިންގއާއެކު މިކަމުގައި ހޮސްޕިޓަލަށް ކުރިއެރުން އަންނާނެކަމަށް އުއްމީދުކުރަން." ސީއީއޯ ވިދާޅުވިއެވެ.
ޓެލެމެޑިސިންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވަނީ ގައިންގަޔަށް ނާރާ ބަލި މީހުންނަށް ޚާއްސަ ކްލިނިކެއްގެ އިތުރުން އެންޑޯމެޓްރިއޯސިސްގެ ޚިދުމަތްވެސް އިފްތިތާޙްކުރައްވާފައެވެ. މިއާއެކު ގައިންގަޔަށް ނާރާ ބަލިތަކުން ދުރާލާ ރައްކާތެރިވެވި ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހަމައެއާއެކު އަންހެނުންގެ ތެރޭގައި އޮތް ވޭންހުރި ބައްޔެއްގެ ގޮތުގައި އެންޑޯމެޓްރިއޯސިސް ފާހަގަކުރެވޭއިރު މީގެފަރުވާ އިތުރަށް ފުޅާވެ އެފަދަ ވޭން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގުފަހިވާނެކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.
މިޖަލްސާގައިވަނީ ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކާއި، އަދި ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރައްވައި ހަނދާނީ ފިލާދެއްވާފައެވެ.
ހަމައެއާއެކު ހޮސްޕިޓަލަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ދެބޭފުޅުންކަމުގައިވާ މަރްޙޫމް ޙަސަން އަޙްމަދު އަދި މަރްޙޫމް މުޙައްމަދު ޙަސަންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއްވެސްވަނީ ޖަލްސާގައި ގެންނަވާފައެވެ. އަދި ހޮސްޕިޓަލުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށްވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.