ޚަބަރު

ދަރިވަރުންނަށް ސައިބަރ ބުލީ ކުރުމަށް ބޭނުންކުރާ "ކޮންފެޝަން" ޕޭޖުތަކެއް ފުލުހުން ހުއްޓުވައިފި


  • މިޕޭޖްތަކަކީ މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް

  • މިޕޭޖްތައްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

  • އިތުރު 20 ޕޭޖެއްގެ މައްސަލަ ވަނީ ފާހަގަކުރެވިފައި

ސްކޫލް ދަރިވަރުންނަށް ސައިބަރ ބުލީ ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ގަނާކުރަމުން އައި ޕޭޖުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްޓުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފަދަ ޢަމަލުތައް ހިންގާ "ކޮންފެޝަން" ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެފަދަ ޕޭޖްތައް ހުއްޓުވުމަށް އެ މުއައްސަސާއިން ޚާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ ސްކޫލް ދަރިވަރުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމުތަކެކެވެ. މިފަދަ އެއް ޕްލެޓްފޯމަކީ އިންސްޓަގްރާމެވެ. އެހެންވެ، އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުދިންނަށް ބުލީ ކުރުން ނުވަތަ ގަނާ ކުރުމުގެ އަމަލުތައް ހިންގަމުން އަންނަކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުން ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރާ ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާ ކަމަށާއި ފާއިތުވެދިޔަ ހަފުތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މި 22 ޕޭޖުގެ އިތުރުން އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ސައިބަރ ބުލީގެ މިމައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އެގޮތުން، ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި، ހިންގަނީވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެ ޕޭޖްތަކުގައި ޝާއިއުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ޕޭޖުތަކުގައި އެ މުއައްސަސާއިން ވަނީ އިންޒާރުގެ ޕޯސްޓުތައް ހިއްސާކޮށްފައެވެ. އެގޮތުން އެފަދަ އަމަލުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުދިންގެ މައްސަލަ ބަަލައި ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ އިންޒާރު ދެއްވާފައެވެ.

މިހާރު ކުރިއަށްދާ ތަހުގީގަށް އެހީވުމުގެ ގޮތުން އެފަދަ ޕޭޖްތަކުގެ ޝިކާރައަކަށްވި ކުދިންގެ މައުލޫމާތު ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާ ހިއްސާކުރަންވެސް މި ޕޭޖުތަކުގައި ފުލުހުން ހިއްސާ ކުރައްވާފައިވާ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.