ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
"ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގައި ބަޔާންކޮށްފައިވާގޮތުން ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށެވެ. ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ޤާނޫނެއް ނެތެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
މީގެ އިތުރުން ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ވަނީ ހިމަނުއްވާފައެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރާނެއެވެ. މަޖިލީހަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް އަހަން މަޖިލީހުން ނިންމާ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާއި އެ މައްސަލައާ އެއްކޮޅު ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތައް ބަޔާންކުރާ ކަރުދާހެއް އެކުލަވާލައި ފާސްކުރަންޖެހޭނެއެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ ނިންމަވާ ކަންކަމުގައި ޚިޔާލު ހޯދަން ހުށަހަޅުއްވާ ސުވާލާއި އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާން ކުރާ ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވައިލަންޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު އަނބުރާ ނެގިދާނެއެވެ. އެގޮތުން އެ އިންތިޚާބު ބާއްވާ ތާރީޚެއް އެ ކޮމިޝަނުން އިއުލާންކުރުމުގެ ކުރިން މަޖިލީހުގެ އެހެން ޤަރާރަކުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމާ ގުޅޭ ގަރާރު އަނބުރާ ގެންދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށްވެސް އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާ ތާރީޚު އިއުލާން ކުރުމުގެކުރިން އިތުރު ޤަރާރަކުން ވޯޓަށް އެހުމަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވޭނެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގިނަވަގެން 90 ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގާ ދުވަހުގެ 14 ދުވަސް ކުރިން އިއުލާންކުރަންޖެހޭނެއެވެ. މި އިންތިޚާބާ ގުޅިގެން މިހާރުވެސް އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރެވޭ އުސޫލާ އެއްގޮތަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ބިލުގައިވެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.