ޚަބަރު

ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށް


  • މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދާނެ

  • ފޯރަމް ކުރިއަށްދާނީ މިމަހުގެ 9 އިން 10 ވަނަ ދުވަހަށް

ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނީޝަން ފޯރަމްގައި ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ. އަދި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާއެކު ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

11 ވަނަ ނީޝަން ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގައެވެ.

މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 9 އިން 10 ވަނަ ދުވަހަށެވެ. މި ފަހަރުގެ ފޯރަމްގައި ޙަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތްތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި 800 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއި ޢިލްމުވެރިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.