ޚަބަރު

ދިވެހި ލިޔުންތެރިންނަކީ ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ޤުރުބާންވާ ބައެއް: ފަސްޓް ލޭޑީ


  • ރައީސްގެ އަނބިކަނބަލުން ވަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަޙުނިޔާ ވިދާޅުވެފައި

  • ދިވެހި ލިޔުންތެރިންގެ ދުވަހަކީ ޖުލައި މަހުގެ 8

ދިވެހި ލިޔުންތެރިންނަކީ މި ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ޤުރުބާންވާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ މިހެން ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހި ލިޔުންތެރިންގެ ގަލަންތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމަށެވެ. އަދި އެކަމަނާ ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ލިޔުންތެރިންނަށްވެސް އަރިސްކުރައްވާފައެވެ.

ފަސްޓް ލޭޑީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި ޤައުމު އާރާސްތުކޮށް ކުރިއަރާ ދިއުމުގައި ދިވެހި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމެވެ.