އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އައިއެސްއޭ) ގެ ޔޫތު ފުޓްބޯޅަ ޓުއަރ އަކީ ދެ ގައުމަށްވެސް ލިބިގެންދިޔަ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ އައިއެސްއޭގެ ޒުވާން ކުޅުންތެރިން ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ޓީމާއި ދެކޮޅަށް ހުކުރު ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ބައިނަލްއަގްވަމީ އެކުވެރިކަމުގެ މެޗު ޝަރަފުވެރިކޮށްދެއްވުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޮސްޓްރޭލިއާ ސަފީރު ޖެސަޕް ވިދާޅުވީ ކުޅިވަރަކީ ދެގައުމު އެކުވެރިކުރުވާ ކަމެއް ކަމަށާއި މިއީ އޮސްޓްރޭލިއާގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އަދި އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިވުމުގެ އިތުރުން މިއީ އޮސްޓްރޭލިއާގެ ކުޅުންތެރިންނަށް މާލެ އައިސް ރާއްޖޭގެ ޤައުމީ ޓީމާއެކު ކުޅުމުގެ ފުރުސަތު ލިބި ފުޓްބޯޅައިގެ ތަޖްރިބާހޯދުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ޖެސަޕް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން އޮސްޓްރޭލިއާ އާއި ރާއްޖެއާއި ދެމެދު ގުޅުން ބަދހިކުރުމަށް އެކި ފަހަރުމަތިން ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮ ކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢުއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށްވެސް ޖެސަޕް ވިދާޅުވިއެވެ.
އަދި އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އޮސްޓްރޭލިއާއިން އެހީތެރިވެދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރާތަން ފެނުމަކީ ފަހުރުވެރިވާ ކަމެއް، އަދި އެ ކުޅުންތެރިން އަންނަނީ ކުރިއަރަމުން. އޮސްޓްރޭލިއާއަކީ ކުޅިވަރަށް ލޯބިކުރާ ގައުމެއް. އަޅުގަނޑުމެންނަށް ރާއްޖެއަށް އެހީތެރިވެދީ ފުރުސަތުތައް ފަހިކޮށްދެވެން ހުރި ދާއިރާތަކުން އެހީތެރިވެވޭނެ" ސަފީރު ވިދާޅުވިއެވެ.
ޖެސަޕް ވަނީ ރާއްޖޭގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ބައްލަވާލައްވާ އޮސްޓްރޭލިއާ އެކަޑަމީގެ އިސްވެރިންނާ ބައްދަލުކުރައްވާ ދަތުރާއި ގުޅޭ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނާއި އޮސްޓްރޭލިއާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ވަރަށް ޝައުގުވެރިކަމާއެކު ކުޅުނު މަންޒަރު ކަމަށާއި، މިއީ ދެގައުމުގެ ކުޅުންތެރިންނަށްވެސް އުފާވެރި ތަޖްރިބާއަކަށް ވެގެންދާނެ ކަމަށް ޖެސަޕް ފާހަގަ ކުރެއްވިއެވެ.