ޚަބަރު

ކާބޯތަކެތި ނުލިބި، ޣައްޒާގެ މާބަނޑު އަންހެނުން ބިކަ ޙާލުގައި


ގެދޮރު ގެއްލިފައިވާ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތެއް ކަމަށްވާ ފާތިމަތު އަރްފާ އިނީ ބަލިވެއެވެ. ވިހެއުމަށް ބަކީ އޮތީ އެންމެ ހަތަރު މަަހެވެ. އަރްފާގެ ހިތުގެ އެދުމަކީ ދަރިފުޅަށް ބޭނުންވާ ލޯބި ހެދުންކޮޅުތަކާއި ކުޅޭތަކެތި، ފުރިހަމަ ޞިއްޙަތެއްގައި ދަރިފުޅު ވިހެއުމުގެ ކުރިން ހޯދައި ތައްޔާރުކުރުމެވެ.

ނަމަވެސް އޭގެ ބަދަލުަގައި އަރްފާއަށް މަޖުބޫރުވެފައި ވަނީ، ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގައި ޞިއްޙީ އެހީ ހޯދުމަށް މަސައްކަތް ކުރުމަށެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗަށް ޖެހި، އިންތިހާ ދަރަޖައަށް ހައިހޫނުކަން އިޙްސާސްކުރަމުންދާ އިރު، އަރްފާގެ އެންމެ ބޮޑު ބިރަކީ އޭނާގެ ހަށިގަނޑަށް ލިބޭ ނިކަމެތިކަމެއްގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ލިބުމެވެ.

އަރްފާ އެދެނީ ބިހާއި ކިރާއި އެއްގަމު މަސްކޮޅެއް ކައިލުމަށެވެ. އެއީ ޞިއްޙަތަށް ރަނގަޅު ފައިދާހުރި ކާނާ ކަމުގައިވާތީއެވެ. ހަނގުރާމައިގެ ޙާލަތުގައި ޞިއްޙަތު ރަނގަޅު ދަރިއަކު ވިހެއުމުގެ ފުރުޞަތު އިތުރުވޭތޯއެވެ. ނަމަވެސް އަރްފާ ވަށައިގެން ބޮން އަޅައި ވަރުދަގަ ޙަމަލާތައް ދެމުންދާއިރު، އަމިއްލަ ހަށިގަނޑާއި ބަނޑުގައި އުފެދެންމުންދާ ދަރިފުޅަށް ބޭނުންވާ ކާނާގެ މަދު މިންވަރެއް ހޯދުން ވެސް މިއަދު މި ވަނީ ނުރައްކާތެރި އަދި އުނދަގޫ މަސައްކަތަކަށް ވެފައެވެ.

އުމުރުން 34އަހަރުގެ އަރްފާ ބުނީ އޭނާ މިހާރު ދިރިއުޅޭ ސަރަޙައްދަކީ އޭނާގެ ގެއާ ވަރަށް ދުރު ސަރަޙައްދެއް ކަމަށާއި، ހަށިގަނޑުން ލޭ މަދުވެގެން ލޭފޮދެއް ހޯދުމަށް އޭނާ އެ ހިސާބަށް ދަތުރުކުރީ ފައިމަގުން ކަމަށެވެ. އޭނާއަށް މެލްނިއުޓްރިޝަންގެ ޙާލަތު ކުރިމަތިވެފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާއަށާއި ބަނޑުގައި އޮތް ދަރިފުޅު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އދގެ އިންސާނީ މަސައްކަތްތައް ބަލަހައްޓާ އިދާރާ، އޯސީއެޗްއޭއިން ވަނީ ޣައްޒާގައި މި ވަގުތު ތިބި 55،000އަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް އޮތް ޞިއްޙީ ނުރައްކާ ވަރަށް ބޮޑު ކަމުގެ އިންޒާރު ދީފައެެވެ. އެ ގޮތުން ބައިގެން ދިޔުމާއި ވިހާއިރު ދަރިފުޅު މަރުވެފައި އޮތުމާއި، ކާނާ ނުލިބުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުދިން ވިހެއުމަކީ ޣައްޒާގެ މާބަނޑު މީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޞިއްޙީ ސާމާނާއި ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާ ޣައްޒާގައި ހަސްފަތާލުތައް ހިންގުމަށް ބޭނުންވާ ތެޔޮ ވެސް ނުލިބެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޣައްޒާއަށް ޙަމަލާ ދެމުންދާތާ ދެ އަހަރުވުމާ ގާތްވެފައިވާއިރު، މި ފަދަ ޙާލަތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ދަތިކަމެކެވެ.

އަލް-ޙަލޫ ހަސްފަތާލުގެ ކުލިނިކަކަށް ޑޮކްޓަރަށް ދެއްކުމަށް އަރްފާ ދިޔުމުން، އޭނާގެ ލިޔެކިޔުންތައް ބެއްލެވުމަށްފަހު އެ ކްލިނިކުގެ ޑިރެކްޓަރު ފަތުހީ އަލް-ދަޙްދޫހު ވިދާޅުވީ އަރްފާގެ ހަށިގަނޑުގައި ލޭ މަދުވެފައިވާ ކަމަށާއި މަދުވެފެން ދެ ޕައިންޓު ލޭ އަޅަންޖެހޭ ކަމަށެވެ. އޭނާގެ ހަށިގަނޑަށް ލޭ ނޭޅިއްޖެނަމަ މާ ބޮޑަށް ވަރުބަލިވެ ހިނގާބިިނގާވެ އުޅުން ފަދަ ކަންކަން ކުރާނެހާ ހަކަތަ ވެސް އަރްފާގެ ހަށިގަނޑުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަހަރެމެންގެ ދުޢާއަކީ މި ހަނގުރާމަ ނިމުމަކަށް އައިސް، ސަރަޙައްދީ ރޮނގުތައް ހުޅުވާލައި، ފެހި ކާނާއާއި މޭވާއާއި ތަރުކާރީއާއި ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޣައްޒާއަށް އެތެރެވުން،” ދަޙްދޫހު ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީ ފަށާފައިވާ ޢުދުވާން އަވަސް މުުސްތަޤުބަލެއްގައި ނިމޭނެ ކަމުގެ އިޝާރާތެއް ފެނިފައި ނުވާއިރު، މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމުކުރި ޢުދުވާން ހުއްޓަލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލުކުރުން ވަނީ ދުވަސްކޮޅަލަށް މެދުކަނޑާލައިފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، ޔަހޫދީން ވަަނީ އެއްބަސްވުމާ ޚިލާފުވެ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އަދި ޣައްޒާއަށް އެއްެވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭހެން ތިން މަހެއްހާ ދުވަސް ވަންދެން ދަތިކުރިއެވެ. އެއަށްފަހު މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މަދު މިންވަރެއްގެ އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދީފައިވާ ނަމަވެސް، އެހީގެ ސާމާނު ބެހުމަށް ބާރުފޯރުވުމުގެ ގޮތުން ޔަހޫދީން އެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގުޅުންހުރި ކުންފުންޏަކަށެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ޤާއިމުކޮށް ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފްގެ ނަމުގައި ހިންގާ ކުންފުނިން ދަނީ އެހީގެ ސާމާނު ބަހަމުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ 57،000އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފެށިފަހުން 800އެއްހާ މީހުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދުކޮށްލައިފައެވެ. އެހެންކަމުން އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިއަށް ދިޔުމަކީ ވެސް ނުހަނު ނުރައްކާތެރި ކަމެކެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދާއިރު އަރްފާ ވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް ބަލިކަށިވަމުންނެވެ. ކާނޭބޯނޭ އެއްޗެއް ނުލިބި ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނުހުރެއެވެ. އޭނާ ވަރުބަލިކަން އިޙްސާސްކުރަނީ އިންތިހާއަށެވެ.

“މިއީ ވަރަށް އުނދަގޫ ކަމެއް. މިއީ އަދި ވަރަށް ހޫނު ދުވަސްވަރެއް. އަހަރެން ޞިއްޙީ އެހީ ހޯދަން ތަންތަނަށް ދަނީ ފޭލިގޭގައި ތުއްތު ކުދިންތަކެއް ބައިތިއްބާފައި. މިހާރުއިރު ވާއިރު އަދި އެ ކުދިން މި ތިބީ މިއަދު ހެނދުނު ސައި ނުބޮއެ. އަހަރެން ވެސް އަދި މިއަދު އެއްޗެއް ނުކަން.” އޭނާގެ ދަރިން ކައިރީގައި އިނދެ އަރްފާ އޭނާގެ ޙާލަތު ކިޔައިދިނެވެ.

އަރްފާގެ ފިރިމީހާ، އުމުރުން 40 އަހަރުގެ ޒާހީ ބުނީ ޣައްޒާއިން މިހާރު ލިބުނަސް ލިބެނީ ހަމައެކަނި މުގުކޮޅެއް ކަމަށެވެ. ޣައްޒާގެ ހުރިހާ ރައްޔިތުން ބަނޑުފުރާނަ މުއްތި ކުރުމަށް ބަރޯސާ ވަނީ އޭގެ މައްޗަށް ކަމަށް ޒާހީ ބުންޏެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ އަވަށްތަކަށް ބައެެއް ފަހަރު ގޮސް، ހަނގުރާމައިގެ ޙާލަތުގައި ވެހެއުމަށް ބޭނުންވާ ހަކަތަ ހޯދައިދިނުމަށް އަންހެނުންނަށް ދޭނެ ފުށްކޮޅެއް ފެނޭތޯ އޭނާ މަސައްކަތް ކުރެއެވެ.

“އަހަރެންގެ ފުރާނަ އެތައް ފަހަރަކު ނުރައްކަލަށް ހުށަހެޅިއްޖެ. އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ދަރިންނާއި އަނބިމީހާއަށް ކާނޭ އެއްޗެއް ހޯދުމަށް އަހަރެން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވޭ. މަސް ދަޅެއް، އޮށް ދަޅެއްހާ ހިސާބު ވެސް އަހަންނަކަށް ނުލިބުނު،” ޒާހީ ބުންޏެވެ.