ޚަބަރު

ޕީއެސްއެމް ވޯލްޑް ކަޕް ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފި


  • ކިޑްސް ކާނިވަލާއި ޒުވާނުންގެ ފިއެސްޓާވެސް ވަނީ ނިމިފައި

  • ކޮންމެ ހަފުތާ ބަންދެއްގައި މިހަރަކާތް ބާއްވާފައިވޭ

  • މި ހަރަކާތުގައި ފުޑް ސްޓޯލްތަކާއި ސްޓޭޖު ހަރަކާތްތައްވެސް ކުރިއަށްދިޔަ

ވޯލްޑް ކަޕާއި ގުޅުވައިގެން ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ "ވީ އާ 26 ޕީއެސްއެމް ފިއެސްޓާ" ކިޑްސް ކާނިވާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވޯލްޑްކަޕް ފެށުނީންސުރެ މިހާތަނަށް ކޮންމެ ހަފުތާ ބަންދެއްގައި ޓީވީއެމް ބިލްޑިންގެ ގޯތިތެރޭގައި މިހަރަކާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ކުޑަކުދިންގެ ހަވީރަކީ، އެކުވެރި މަޖާ މާޙައުލެއްގައި ވޯލްޑްކަޕުގެ ފޯރި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ވީހާވެސް ގިނަ ކުޑަކުދިންނަށް ހޯދައިދިނުމުގެ މަޤުޞަދުގައި ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހަވީރު 4:00ން 6:00 އަށް ކުރިއަށް ގެންދިޔަ މިކާނިވަލުގައި ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ ގޭމްސް ސްޓޯލްތައް ބަހައްޓާފައިވެއެވެ. ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ މި ކާނިވަލުގައި، އެކި އުމުރުފުރާގެ ކުދިންގެ ސްޓޭޖް ހަރަކާތްތަކާއި، ފުޑް ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ.

މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ، އާއިލާތަކުން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، ކުޑަކުދިންނާއެކު ތަފާތު ގޮތަކަށް ވޯލްޑްކަޕުގެ ޖޯޝު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކަަމަށް ޕީއެސްއެމްއިން ބުނެއެވެ. ވޯލްޑްކަޕު ފެށުނީންސުރެ ކޮންމެ ހަފުތާ ބަންދެއްގައި މި ކާނިވާ ބާއްވާފައިވާއިރު، މި ކާނިވަލަށް ޒިޔާރާތްކުރި ކޮންމެ ކުއްޖަކުވެސް މިއީ ވަރަށް މަޖާ އަދި ތަފާތު ކާނިވަލެއް ކަމަށް ބުންޏެވެ.

ވޯލްޑްކަޕުގެ ފައިނަލް މެޗުގައި އަންނަ ހޯމަ ދުވަހު އާޖެންޓީނާއާއި ސްޕެއިން ބައްދަލުކުރާއިރު، ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި ގިނަ ކުދިން ވަނީ އެކުދިން އެންމެ ގަޔާވާ ޓީމަކީ މިދެ ޓީމުކަމަށް ބުނެފައެވެ.

"ހުރިހާ ކުޅިވަރެއްވެސް ކުޅެފިން، ވަރަށް މަޖާ މިކަހަލަ ކުޅިވަރުތައް ކުރިއަށް ގެންދާތީ. އަޅުގަނޑު ސަޕޯޓުކުރަނީ ވާލްޓްކަޕުގައި މެސީއަށް. މެސީ މެޗުވެސް ބަލާނަން." އެއްކުއްޖަކު ބުންޏެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މި ފަހަރު ބާއްވާ ވޯލްޑް ކަޕަކީ، މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕެވެ. މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ޕީއެސްއެެމްގެ ޗެނަލްތަކުން ހިލޭ ބަަލާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ވޯލްޑް ކަޕާއި ގުޅުވައިގެން ޕީއެސްއެމްއިން ވަނީ، ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ކިޑްސް ކާނިވަލެއް ބާއްވާފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން ފިއެސްޓާއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފިއެސްޓާވެސް ރޭ ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ.