ޚަބަރު

މާމެންދޫ އައިސްޕްލާންޓް ގަތުމުގެ މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދުގެ މައްޗަށް ދައުވާކޮށްފި


  • އޭނާގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ

  • ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބުގެ ގޮތުގައި 1 އަހަރަށް ޖަލަށްލުމަށް ހުކުމެއް އަންނާނެ

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި ފެނަކައިން ކޮރަޕްޝަނަށް މަގުފަހިކޮށްފައިވާ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ދައުވާކޮށްފިއެވެ.

މި ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ޤާއިމުކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި އެ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުތަކެއް ހިންގާފައިވާ މައްސަލައިގައިކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އަހުމަދު ސައީދުގެ މައްޗަށް ދަޢުވާކުރަން ނިންމީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ 30 އެޕްރީލް 2023 ދުވަހު، ފެނަކައާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، އެ އައިސްޕްލާންޓް ގަތުމަށް ނިންމުމުންނެވެ.

އޭނާ މިކަން ކޮށްފައިވަނީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައިވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް ކަމަށް ޕީޖީން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، 07 ސެޕްޓެންބަރު 2023 ދުވަހު ބޭއްވި ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެ އެ އައިސްޕްލާންޓް ގަތުމަށް އޭނާ ނިންމާފައިވާކަމަށެވެ. އަދި އޭނާ މިގޮތަށް ނިންމިއިރު، އެ ކުންފުނިން އިންހައުސްކޮށް ލ. މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑު މެމްބަރުންނަށް ސާފުކޮށްދީފައިނުވާކަންވެސް ޕީޖީން ވިދާޅުވެއެވެ.

ޕީޖީން ވިދާޅުވީ، ހަމައެދުވަހު ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓްއާއި ދެމެދު މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މުޅި ޖުމްލަ 11,251,946.00 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ސާޅީސް ހައެއް ރުފިޔާ) ފެނަކައިން ކައިޒާން އިންވެސްޓްމަންޓަށް ދައްކަންޖެހޭގޮތަށް ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ ނ. ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި އޭނާގެ މައްޗަށް މި ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބުގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަޙްމަދު ސަޢީދު އަދި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުވެސް ޕީޖީ އޮފީހުން ދަޢުވާއެއް އުފުލާފައިވެއެވެ. އޭނާގެ މައްޗަށް މި ދަޢުވާ ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި މައްސަލާގައެވެ.