އިންޓަނޭޝަނަލް ސޮކަރ އެކަޑަމީ (އައިއެސްއޭ) ގެ ޔޫތު ފުޓްބޯލް ޓުއަރއަކީ ފެށުމެއް ކަމަށާއި މި ދަތުރުގެ އެންމެހާ ކަންތައްތައް ދިޔައީ މޯލްޑިވްސް ސޮކަރމޭޓްސްއިން އުންމީދުކުރިވަރަށްވުރެ ރަނގަޅަށް ކަމަށް ސޮކަރ މޭޓްސްގެ ކޯޗު އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ.
އައިއެސްއޭގެ މި ދަތުރުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނާއި އެކު ފުޓްބޯޅަމެޗުތަކެއް ކުޅެ ކޯޗުންނާއި ކުޑަކުދިންނާއެކު ފުޓްބޯޅަ ކޭމްޕެއްވެސް ބޭއްވިއެވެ.
އަކްރަމް ބުނީ މިކަމުގައި ސަރުކާރުގެ ފަރާތުންނާއި އެފްއޭއެމުންވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށާއި މިކަމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.
މި ދަތުރަކީ އެކަޑަމީތަކުގެ ކުދިންނަށް ލިބުނު ވަރަށަ ރަނގަޅު ތަޖްރިބާއެއްކަމަށް އަކްރަމް ބުންޏެވެ.
“އަޅުގަނޑުމެން ހީކުރި ވަރަށްވުރެވެސް ފުރިހަމަ ކޮށް އެއްވެސް ކަހަލަ އުނދަގުލެއްނެތި މިކަންކަން ފުރިހަމަވެގެން މިދިޔައީ މިކަންކަމުގައި އުޅުނު ހުރިހާ ބޭފުޅުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ. ހުރިހާ ގޮތަކުން އެކި ދިމަދިމާއިން އެކި ކަންކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރަން” އަކްރަމް ބުންޏެވެ.
އަކްރަމް ބުނީ މިކަހަލަ ގޮތަކަށް ބޭރު ގައުމެއްގެ އެކަޑަމީއެއްގެ ޓީމެއް ޓުއަަރއެއްގައި ރާއްޖެއައިސް މެޗުތަކެއް ކުޅުމަކީ މުޅިން އަލަށް ކުރެވުނު ކަމެއް ކަމަށެވެ.
އެހެންކަމުން ފުތަރަމަފަހަރަށް ކުރިޔަށް ގެންދެވުނު މިފަދަކަމެއް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ލިބިގެން ދިޔަ ހިތްހަމަ ޖެހުމެއް ކަމަށް އަކްރަމް ބުންޏެވެ.
އިންޓަނޭޝަނަލް ސޮކަރ އެކަޑަމީން ރާއްޖެއަށް ކުރި ދަތުރުގައި އޮސްޓްރޭލިއާގެ ކުޅުންތެރިންވަނީ ރާއްޖޭގެ ޒުވާން ގައުމީ ޓީމާއެކު މެޗެއް ކުޅެފައެވެ. އަދި ކުލަބު ވެލެންސިއާ އާއި މާޒިޔާ އަދި ސޮކަރ މޭޓްސް އެކަޑަމީގެ 17 އަހަރުން ދަށުގެ ޓީމުތަކާއެކުވެސް މެޗުތަކެއް ކުޅުނެވެ.
އައިއެސްއޭގެ މި ދަތުރަކީ ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކަރ މޭޓްސްއިން ކުޅިވަރު ވުޒާރާއާއި ފުޓްބޯޅަ އެސޯސިއޭޝަނާއި ގުޅިގެން ކާމިޔާބުކަމާއެކު ނިންމާލި ދަތުރެކެވެ.