ޚަބަރު

ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް ކައުންސެލިންގ ދާއިރާއިން ތަމްރީން ޕްރޮގްރާމެއް


  • މިއީ 10 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް

  • މި ޕްރޮގްރާމްގައި ޖުމްލަ 09 އޮފިސަރުންނާއި 01 ސިވިލް މުވައްޒަފަކު ބައިވެރިވި

ޤައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ލަންކާގައި ހިންގި “ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ ސްރީ ލަންކާގެ ނިގަންބޯގައި ހިންގި މި ޓްރޭނިންގ ޕްރޮގްރާމްއަކީ 10 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ކަރެކްޝަނަލް ސަރވިސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ 09 އޮފިސަރުންނާއި 01 ސިވިލް މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށެވެ.

“ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްރީ ލަންކާގެ ޕްރިޒަންސް ޑިޕަރޓްމަންޓްގެ ކޮމިޝަނަރ ޖަގަތު ވީރަސިންގައެވެ. އަދި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރީހެބިލިޓޭޝަން ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމާ މިސަރވިސްގެ ޚިދުމަތް އިތުރަށް ޚަރުދަނާކުރުމުގެ އިތުރުން، މި ޓްރޭނިންގ ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ޤައިދީން ރަނގަޅަށް ރީހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަހުލުވެރިކުރެވިގެން ދިއުން ކަމަށެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްރީ ލަންކާގެ ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލްއާ ގުޅިގެންނެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި ޓީމް ވަނީ ސްރީ ލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެވާލާ ޑިފެންސް ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފައެވެ.