ޚަބަރު

ސްކޭމްގެ މައްސަލަތަކެއްގައި ހިމެނޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ)

  • އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގާފައިވޭ

ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، މި މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 އަކުން ކަމަށެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަތައް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.