ޚަބަރު

އަލްސަންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި


  • އަލްސަން ނިޔާވީ އެކްސިޑެންޓަށްފަހު ފަރުވާ ދެމުން ދަނިކޮށް

  • މި އެކްސިޑެންޓުގައި އިތުރު 2 މީހަކަށް ވަނީ އަނިޔާވެފައި

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ނިޔާވި ޅަ ޒުވާން ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާ
ކަމަށް ވިދާޅުވެފައެވެ.

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. ފުލުހުން ވިދާޅުވީ ސައިކަލް ދުއްވަން އިނީ އަލްސަންކަމަށެވެ. އަލްސަންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރޭގެ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މިޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފައެވެ.

އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް އާއިލާއަށް ތަޢުޒިޔާކިޔަމުންނެވެ.