ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އަހާ ފޯރަމުގެ ތެރެއިން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިޔަން ގަސް ޕްރޮގްރާމް ފަށާފައިވަނީ މިދިޔައަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުޢައްސަސާތަކުން، އަދި އަމިއްލަ ކުންފުނިތަކާއި ފަރާތްތަކުން ދަނީ ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.
"މިހާތަނަށް 595،000 ގަސް އިންދިއްޖެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އޭގެތެރޭގައި އެސްއޯއީތަކާއި، ޓޫރިސްޓު ރިސޯޓުތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި، އަމިއްލަ ފަރާތްތަކުންނާއި، ކުންފުނިތަކުން ބައިވެރިވެގެން ގަސް އިންދާފަ އެބަހުރި." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ދަށުން 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މީގެކުރިން ހިންގާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި މި ޕްރޮގްރާމް ތަފާތުވާނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މީގެކުރިން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފެއްޓެވި ގަސް އިންދުމުގެ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެއިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކާރުން އެދިވަޑައިގަންނަވައެވެ.