ޚަބަރު

"ޑިސެންބަރުގެ ކުރިން ފުނަދޫ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަކީ އަމާޒެއް"


  • މިއީ މާލެއިން ބޭރުގައި ޤާއިމުކުރާ މިފަދަ ފުރަތަމަ މަރުކަޒު

  • މަޝްރޫޢު ބިޑަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުން

ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށުމަކީ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި ޤާއިމުކުރާ 2 ވަނަ ކަނދުފަތި ސެންޓަރެވެ.

ފުނަދޫ ކަނދުފަތި ސެންޓަރަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އުފައްދާ ސެންޓަރުތަކެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އުތުރުގައި ޤާއިމުކުރާ ސެންޓަރެކެވެ. މި ސެންޓަރު އެޅުމަށް ވަކި މުއްދަތެއް ނެތްގޮތަށް 10،000އަކަފޫޓްގެ ބިމެއް ކައުންސިލުން ހަމަޖައްސައި ދީފައިވާއިރު، ބިން ދޫކޮށްފައިވަނީ ކުއްޔެއްވެސް ނުނަގާގޮތަށެވެ.

ކަނދުފަތި ސެންޓަރުގެ ތެރެއިން އެންމެ ފުރަތަމަ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫ ކަނދުފަތި ސެންޓަރެވެ. އަދި މި ސެންޓަރު ވެގެންދާނީ މާލެއިން ބޭރުގައި ޤާއިމުކުރެވޭ ކަނދުފަތި އުފައްދާ ފުރަތަމަ ސެންޓަރަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާއިން ވިދާޅުވީ، ށ. ފުނަދޫގައި ޤާއިމުކުރާ ސެންޓަރުގެ މަސައްކަތް ވިހާވެސް އަވަހަށް ފެއްޓުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މިކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އެ މަޝްރޫޢު ބިޑަށް ހުޅުވާލުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަމާޒަކީ މިއަންނަ ޑިސެންބަރު 10ގެ ކުރިން މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ދެކުނުގައި ކަނދުފަތި ސެންޓަރު ޤާއިމުކުރާނެ ރަށެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާ ބެހޭ ވުޒާއިން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ސެންޓަރު އެޅޭވަރުގެ ހަތަރުވަރަކަށް ރަށް ފާހަގަކުރެވިފައިވީނަމަވެސް، ސެންޓަރު އަޅާނެ ވަކިރަށެއް އަދި ކަނޑައަޅާފައި ނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ޤާއިމުކުރަން ސަރުކާރުން ނިންމީ މި ވަގުތު ކަނދުފަތި އުފައްދާ އެންމެ ސެންޓަރެއް ހުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުގައި ކަނދުފަތި ޤާއިމުކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާތީ، އެކަމަށް ހައްލެއް ގެނުމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުންދާ ކަނދުފަތިތައް، އެފްއޭއޯގެ ފަންނީ އެހީތެރިކަމާއެކު މިވަގުތު ތައްޔާރުކުރަމުންދަނީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި އެކަނިއެވެ.

ރާއްޖޭގެ ދެ ސަރަހައްދެއްގައި ކަނދުފަތި އުފައްދާ މަރުކަޒުތައް ޤާއިމުވެގެންދިއުމާއެކު، ކަނދުފަތީގެ ވިއުގަ ފުޅާކުރުމަށް ފަސޭހަވެގެންދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ކަނދުފަތީގެ ވިއުގައިގެތެރޭގައި މިހާރު 75 ދޮށީ ކަނދުފައްޗާއި 41 ވަދު ކަނދުފަތި ހިމެނެއެވެ. ދޮށީ ކަނދުފައްޗަކީ ދޮށީ ނުވަތަ ކަނޑު މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދުކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.