ޚަބަރު

ޙިޒްބުاللهއާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފި


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިސް އޮފިޝަލުންތަކެއް ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ 12 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަލް-ބިޤާޢު ވާދީގެ ވާދީ ފަރާ ކިޔާ ސަރަޙައްދެއްގައި ހުރި ރެފިއުޖީ ކޭމްޕަކަށެވެ. ވާދީ ފަރާއަކީ، ލުބްނާންގެ އިރުމަތީގައި އޮންނަ ސަރަޙައްދެކެވެ.

ލުބްނާންގެ ދައުލަތުގެ މީޑިޔާއިން ބުނީ، ވާދީ ފަރާގައި ހުންނަ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ 12 މީހުންގެ ތެރޭގައި ގިނައީ ސޫރިޔާގެ ރެފިއުޖީން ކަމުގައެވެ. މި ގޮތުން، ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ސޫރިޔާގެ ހަތް ރެފިއުޖީން ހިމެނޭއިރު، އެ ޙަމަލާތަކުގައި އިތުރު އަށް މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ވެސް ލުބްނާންގެ ޤައުމީ ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ.

ޔަހޫދީން ލުބްނާނަށް ޙަމަލާ ދީފައި މި ވަނީ ޙިޒްބުاللهއާ އެކު ހަދާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށެވެ. ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، އަމަލު ކުރަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ނަމަވެސް، ޔަހޫދީން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.

ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކުގައެވެ. އެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދޭން ފެށުމާ އެކު، ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ވެސް ޢުދުވާނެއް ހިންގަން ފަށާފައެވެ. އެ ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ އެކުގައެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން، ލުބްނާންގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ރަށްތަކުން ފައިބަން ޖެހޭނެއެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ލުބްނާންގެ ދެކުނުގެ ރަށްތަކުގައި ޔަހޫދީ ސިފައިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، މެދުކެނޑުމެއް ނެތި ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.