ކުރިއަށް އޮތް 4 ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
Active southwest monsoon is expected over the Maldives area from 17th July. pic.twitter.com/FQ3jGIYqUA
— Maldives Meteorology (@MetMaldives) July 16, 2025
މީގެ އިތުރުން، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ދުވަސްތަކުގެ ތެރެއިން އެންމެ ބޯކޮށް ވާރޭވެހި ވައިގަދަވާނީ މިމަހުގެ 18، 19 އަދި 20ވަނަ ދުވަހުކަމަށެވެ.
އެއިދާރާއިން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ. މޫސުން ރަނގަޅުވާނީ ޖުލައި 20ވާ އާދިއްތަ ދުވަހުގެ ފަހުންކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު، މޫސުމާމެދު ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.