ކުޅިވަރު

އަންނަ އަހަރު ކްރިކެޓް ޖޫނިޔަރ ގައުމީ މުބާރާތެއް


ކްރިކެޓްގެ ޔޫތު ޑިވަލޮޕްމެންޓް ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމައްޓަކައި އަންނަ އަހަރު ސޯޅަ އަހަރުން ދަށުގެ ގައުމީ ކުރިކެޓް މުބާރާތެއް ބާއްވަން ނިންމާފަވާ ކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވިސްގެ ރައީސް މުހައްމަދު ފައިސަލު ވިދާޅުވެއްޖެއެވެ.

ސީބީއެމް އިން އަންނަ އަހަރު ކުރިއަށް ގެންދާ މުހިންމު ހަރަކާތްތަކުގެ ތަފްސީލު ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރަމުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޖޫނިއަރ ގައުމީ ކްރިކެޓް މުބާރާތާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ މިހާރުވެސް މުބާރާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް ތައްޔާރު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ފައިސަލު ވިދާޅުވީ މިހާރު މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުނަހަންދޫގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންނަށް ޓާގެޓްތަކެއްދީ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ.

" އަންނަ އަހަރު ކޮންމެ ސްޓޭޝަނަކުން، ކޮންމެ ސަރަހައްދަކުން އެޓްލީސްޓް އެއްޓީމު މި މުބާރާތައް ތައްޔާރުކުރަން ޖެހޭ، މިއީ ހާޑް ބޯޅަ މުބާރާތެއް، އަޅުގަނޑުމެން މި ބަލަނީ އެހާތަނަށް ތިނަދޫގަ ފެށިއްޖެއްޔާ ތިނަދޫ ޓީމެއް ވެސް ބައިވެރިކުރަން." ފައިސަލް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކްރިކެޓްގެ ތާރީހުގައި ޖުނިޔަރ ފެންވަރުގައި ގައުމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ފައިސަލު ވިދާޅުވީ ކުޅިވަރު ގާނޫނަށް އެންމެ ފަހުން ގެނުވުނު އިސްލާހާ އެކު ކުޅިވަރު ލާމަރުކަޒު ކުރަން ބާރު އަޅާ ކަމަށާއި އެހެންކަމުން ކްރިކެޓްގެ ވިސްނުން ވެސް ހުރީ އެދިމާލަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް މުބާރާތްތަކުގައި ބައިވެރިވާނެ ކަމަށް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

" އަސްލު 16 އަހަރުން ދަށުގެ މުބާރާތް ވެގެބްދާނެ ފިއުޗަރ މުހިންމު މުބާރާތަކަށް އަދި ކުޅުންތެރިން ތައްޔާރުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރަކަށް." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އަންނަ އަހަރު ކްރިކެޓް ކޯޗުންގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ އަންނަ އަހަރަށް ޓީމުތައް ތައްޔާރު ކުރުން ކަމަށާއި ކޯޗުންނަށް ޓީމުތައް ތައްޔާރު ނުކުރެވިއްޖެނަމަ ނިންމާނީ ކޯޗުން ފެއިލްވީ ކަމަށެވެ.