ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނައާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިނގިރޭސި ޝާހީ ގަނޑުވަރު ވިންޑްސަރ ކާސުލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައެވެ.
ރައީސުލްޖުމްހޫރިއްުޔާ އާއި އިނގިރޭސި ރަސްގެފާނު ބައްދަލުކުރައްވާފައި މިވަނީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.