އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިމަހުގެ 27ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުން އަންނަކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވާ އައިނު ފިހާރައިގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އައިނު ފިހާރައިގެ ފިނިޝިންގ މަސައްކަތްތައްކަމަށެވެ. އަދި މަސައްކަތްކުރަމުންދަނީ މިމަހުގެ 27 ވަަނަ ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދިނުމަށްކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އައިނު ހެއްދުމުގެ ބުރަ ބޮޑުވެފައިވުމަކީ ގިނަ ރައްޔިތުންގެ އޮތް ކަންބޮޑުވުމެކެވެ.
އައިނު ހެއްދުމުގެ ޚިދުމަތް ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް ފޯރުކޮށްދީފައިނުވެއެވެ. ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް ދެމުންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށް އައިނުވެފައިވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ.
އާންމުންގެ ޒަމާންވީ ކަންބޮޑުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން މިދިޔަ މެއިމަހު ޢިއުލާންކުރައްވާފައެވެ.
އެގޮތުން ރައީސްގެ ނިންމެވުމާއެއްގޮތަށް މިމަހުގެ ތެރޭގައި އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހުޅުވިގެންދާނެކަމަށާއި، ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވިގެންދާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަދި މިޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކާއި ހަމައަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
އައިނު ހެއްދުމަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސްގެ ތެރެއިން ދެމުންދިޔަ 1000 ރުފިޔާ 2000 ރުފިޔާއަށް ސަރުކާރުންވަނީ އިތުރުކުރައްވާފައެވެ. އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.