ޚަބަރު

ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނީ ބުރާސްފަތި ދުވަހުން ފެށިގެން: މޫސުމާ ބެހޭ އިދާރާ


  • ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

  • ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށް

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 02:30 އާހަމައަށެވެ.

މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލާއި 45 މޭލު ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެގޮތުން ކުޅުދުއްފުއްޓަށް 53.4 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ވައިގަދަވެފައި ވަނީ ނ. މާފަރަށެވެ. މާފަރަށް 51 މޭލު ބާރުމިނުގައި ވައިޖެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.