ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ޒައިކް ބަލިކޮށް ހެލްޕް ނޭޕާލްއިން ފައިނަލްގެ އުއްމީދު ބޮޑުކޮށްފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި 3-2 ސެޓުން ޒައިކް ވޮލީބޯލް ކުލަބު ބަލިކޮށް، ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 25-22އިން ނެވެ. އެހެންނަމަވެސް ޖެހިގެން އައި ދެ ސެޓުވެސް ޒައިކް ވީސީއިން ކާމިޔާބުކޮށް މެޗުގެ އުންމީދު ބޮޑުކުރިއެވެ. ދެވަނަ ސެޓު ފަސޭހަކަމާއެކު 25-18ގެ ފަރަގަކުން އެޓީމުން ގެންގޮސްފަވާއިރު ދެވަނަ ސެޓު އެޓީމުން ކާމިޔާބުކޮށްފަވަނީ 25-23ގެ ކުޑަ ތަފާތަކުންނެވެ.

ޒައިކު ވީސީއިން މި ދެ ސެޓު ނެގުމާއެކު ހެލްޕު ނޭޕާލުންވަނީ ހިތްވަރާއެކު ނުކުމެ ފަހު ދެ ސެޓު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު ހެލްޕު ނޭޕާލުން ގެންގޮސްފަވަނީ 25-18 އަދި 15-11 އިންނެވެ.

މިއަދުގެ މެޗުން ހޯދި މޮޅާއެކު ހެލްޕް ނޭޕާލުން ވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް އަރާފައެވެ. ތާވަލުގެ އެއްވަނައިގަ ދިހަ ޕޮއިންޓާއެކު ޒައިކު އޮތްއިރު، ދެވަނައިގަ ހެލްޕު ނޭޕާލުގެ އިތުރުން ދެން އޮތީ އަށް ޕޮއިންޓު ހޯދައިގެން ކިރްގިސްތާނުގެ ބިޝްކެކްއެވެ. އަދި ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ ތާވަލުގެ ތިންވަނައިގަ އޮތް އިރު އެޓީމަށް ލިބިފަވަނީ ތިން ޕޮއިންޓެވެ.

ލީގު ބުރުގެ ފަހު މެޗުތައް މާދަމާއަށް ތާވަލުކޮށްފަވާއިރު މާދަމާ ފުރަތަމަ މެޗުގައި ނިކުންނާނީ ހެލްޕް ނޭޕާލާ ދެކޮޅަށް ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީއެވެ. އަދި ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކްއާ ދެކޮޅަށެވެ.

ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.