ޚަބަރު

މޯދީގެ ދަތުރުފުޅާއި ގުޅިގެން ކުރީގެ ރައީސުން މަރުޙަބާ ވިދާޅުވެއްޖެ


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމާއި ގުޅިގެން، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު 9:00 ހާއިރުއެވެ.

މޯދީގެ ދަތުރުފުޅާއި ގުޅިގެން ކުރީގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ކުރައްވާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.

ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ސާލިޙް ނެރުއްވި ބަޔާނުގައި ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ދަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާކަމަށްވެސް ކުރީގެ ރައީސް ސާލިހުގެ ބަޔާނުގައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅާ ގުޅިގެން ރާއްޖޭގެ ކުރީގެ ބައެއް ރައީސުން މަރުޙަބާ ވިދާޅުވެފައިވާއިރު، އިންޑިއާއަކީ ކޮންމެ ސަރުކާރެއްގައިވެސް ރާއްޖެއާއެކު ގާތް ގުޅުންތަކެއް ބާއްވައި، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ޤައުމެކެވެ.