އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާގެ ސަބަބުން ރާއްޖެއާއި އިންޑިއާ މުސްތަޤްބަލުގައި ގުޅިގެން މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްފައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 2 ޤައުމުން 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ. 2 ޤައުމުގެ ވެރިން ބޭއްވެވި ޖޮއިންޓް ޕްރެސްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވިގެންދިޔަ އެއްބަސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާއިއެކު ސޮއިކޮށްފައިވާ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓް ބޭނުންކުރެވިގެންދާނީ އެންމެ މުހިންމު މަޝްރޫއުތަކަށްކަމަށެވެ. އޭގެތެރޭގައި ޑިފެންސް، ކުޅިވަރު، ސިއްހީދާއިރާ ތައުލީމު އަދި ބޯހިޔާވަހިކަން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތީ ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރާ އުފާވެރި މުނާސާބާ ފާހަގަކުރަމުންދާ ދަނޑިވަޅުގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"މިއަހަރު އަޅުގަނޑުމެން މި ފާހަގަކުރަމުންދަނީ އިންޑިއާއާއި ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން. ޕްރައިމް މިނިސްޓަރ މޯދީއާއި އެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައި. މި މަޝްވަރާތަކުގައި 2 ޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީއަށް އަލިއަޅުވާލެވުނު. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވިއްޖެ." ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ 2 ޤައުމުގެ އިޤްތިޟާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އިޤްތިޟާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން ކަރަންސީ ސްވޮޕްޓް ފެސިލިޓީއެއް ފޯރުކޮށްދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިމާރާތްކުރާ ބްރިޖްގެ މަޝްރޫއު ނިމުމާއިއެކު މި މަޝްރޫއުވެގެންދާނީ 2 ޤައުމުގެ ގުޅުމުގެ ވަރުގަދަ ހެއްކަކަށްކަމަށެވެ. އިންޑިއާއަކީ އަބަދުވެސް ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އިންޑިއާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުން ގުޅުން އިތުރަށް ބަދަހިވެ، 2 ޤައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެ މަގުޗާޓެއް ކުރެހިގެން ގޮސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.