މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ސިފައިންގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި އޮންނާނެއެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ސިފައިންގެ ހިނގާލުން އިއްޔެ ބާއްވާފައިވާއިރު، މި ހަރަކާތް މިއަދު ހުޅުމާލޭގައި ފަށާނީ ހަވީރު 16:15 ގައެވެ. މި ހަރަކާތުގައި ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ ހަރަކާތްތައް ފެންނާނެއެވެ.
ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކުރިމަތިންނެވެ. އެހިސާބުން ފަށައި، ޕެރޭޑު ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލުގައެވެ. އެއަށްފަހު ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތުގައި ޕެރޭޑު މަޑުކުރާނެއެވެ. އަދި ޕެރޭޑު ނިންމާލާނީ ކަލާސީނު ކޮށިންނެވެ.
ސިފައިންގެ ހިނގާލުމުގެ އިތުރުން ހެވިކަމުގެ ހަރަކާތްތަކާއި ކުޅިވަރުތައް އިއްޔެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން އެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ.
މިއަދު ހަވީރު އޮންނަ އަސްކަރީ ޕެރޭޑަށްފަހު މިރޭ މިނިވަން ދުވަހުގެ ޚާއްސަ ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުޅަނދުބުރުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ތަފާތު ފުޅަނދުތައް ނެރޭނެއެވެ.
ރާއްޖެ މިނިވަންވިތާ 60 އަހަރު މިއަހަރަށް ފުރުމުގެ މުނާސަބާގައި އެކަން ވަރަށް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ. ރާއްޖޭގައި މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.