ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި 30 އެނދުގެ ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އައު ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރު ހުޅުމާލޭ އޮރެންޖް ހިޔާ ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަނުގެ ޚިދުމަތްތަކާ ވަސީލަތްތައް ބައްލަވާލައްވާފައެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދިޔަ ވަރަކަށް، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ގާބިލުކަންވެސް އޮތީ އިތުރުކުރަން ޖެހިފައެވެ.
އެހެންކަމުން ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގެވުމަށް ނިންމެވިއެވެ. އަދި މިދިޔަ ނޮވެމްބަރުމަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 8 ޑިސެމްބަރު 2024 ގައެވެ. އަދި މީގެއިތުރުން، މިއަހަރުގެ މޭއިމަހުގެ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިންމާ އެތަންވެސް ހުޅުވާފައެވެ.
ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި އަމިއްލަ 2 ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރުގައި މިވަގުތު 10 އެނދުވަނީ ޤާއިމްކޮށްފައެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އިމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށްފައެވެ. ޓަރޝަރީ ފެންވަރަށް ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ.