ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުބުރު މިރޭ މާލޭގައި އޮންނާނެއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ފުޅަނދުބުރު ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ރަސްފަންނު ސަރަޙައްދުންނެވެ. އަދި ފުޅަނދުނދުބުރު ދަތުރުކުރާނީ މަޖީދީމަގުން އިރަށެވެ. ފުޅަނދުބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހެންވޭރު ބްރިޖް ސަރަޙައްދުންނެވެ.
މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
މިނިވަންދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔަ ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން އޮންނާނީ މިރޭ 21:00 ގައެވެ. މާލޭގެ މަގުތަކުގައި މިރޭ ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު ސެންޓްރަލް ޕާކުގައި ފުޅަނދުބުރު ދައްކާލުންވެސް އޮންނާނެއެވެ.
މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުންވެސް ފެނިގެންދާނެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުޅަނދުބުރަކީ އެކި އުމުރުގެ މީހުންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް އޮންނަ ހަރަކާތެކެވެ.