ރާއްޖޭގައި އިޤްތިޞާދުކުރުމާއި ރާއްޖެއާއިބެހޭ އާންމު މަޢުލޫމާތު ހިމެނޭގޮތަށް އަރަބި ބަހުން ލިޔެފައިވާ ދެ ފޮތަކާއި ކުޑަކުދިންނަށް އިސްލާމް ދީން ކިޔަވައިދިނުމާބެހޭ ފޮތެއް އިފްތިތާހް ކުރައްވައިފިއެވެ.
އިއްޔެ ސަލްސާ ރޯޔަލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި 3 ފޮތް ނެރެދެއްވާފައިވަނީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދާއި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އަދި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުރުން ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާ މުތްރިކް އަބްދުﷲ އައްދައުސްރީއެވެ.
މި ފޮތްތަކުގެ ތެރެއިން ރާއްޖޭގައި އިންވެސްޓް ކުރުމާގުޅޭ ތަފްސީލީ މަޢުލޫމާތު ހިމެނޭ އަރަބި ބަހުން ލިޔެފައިވާ ފޮތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ، މި ފޮތަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއިބެހޭ މަޢުލޫމާތު ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. އެގޮތުން މި މަޢުލޫމާތުތައް ހިމެނޭ ފޮތެއް އިނގިރޭސި ބަހުންނާއި ޗައިނާ ބަހުން މީގެ ކުރިން ނެރުއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފޮތުގައި ރާއްޖޭގައި ޤާނޫނީ ހަމަތަކުގެ ތެރެއިން އިންވެސްޓްކުރާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިމެނިފައިވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފޮތް ބޭރުގެ އެއަރލައިންތަކުގައި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށާއި ޚާއްސަކޮށް އަރަބި ޤައުމުތަކުގެ އެއަރލައިންތަކަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ފޮތްތަކުގެ ތެރެއިން ރާއްޖެއާއިބެހޭ އާންމު މަޢުލޫމާތު ހިމެނޭ ފޮތް "އަލްމާލްދީފްމިއުޛަނަތުލް އިސްލާމް ފިލްމުޙީތުލްހިންދީ" ނުވަތަ ދިވެހި ބަހުންނަމަ "ދިވެހިރާއްޖެ-އިންޑިއާ ކަނޑުގައިވާ އިސްލާމީ މުންނާރު" މި ފޮތަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދު އަރަބި ބަހުން ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތުގައި ރާއްޖޭގެ ސަޤާފަތާއި އާދަކާދަތައް އަދި އިޤްތިޞާދީގޮތުން ރާއްޖޭގެ އޭރާއި މިހާރުގެ ޙާލަތާއި އައިސްފައިވާ ތަރައްޤީ ބަޔާންކުރައްވާފައިވެއެވެ. އަދި މެދުމިން އިސްލާމީ ދަޢުލަތެއްގެ ގޮތުގައި ދެމި އޮތުމަށް ރާއްޖެއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްސީލުވެސް މި ފޮތުގައިވެއެވެ.
މީގެ އިތުރުން ދެން ތަޢާރަފް ކުރެއްވި "ކުޑަކުދިންނާއި އިސްލާމް ދީން" މި ފޮތަކީ ޔުނިސެފްގެ އެދުމުގެ މަތިން އަޒްހަރު ޔުނިވާސިޓީގެ ޢިލްމްވެރިންގެ ކޮމިޓީއަކުން އެލުލަވާލާފައިވާ ދިރާސާއެއްގެ ދިވެހި ތަރުޖަމާއެވެ. މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާޙީމް ރަޝީދު މޫސާއެވެ. މި ފޮތުގައި ކުޑަކުދިންނަށް އިސްލާމްދީނުގައި ދެއްވާފައިވާ ރައްކާތެރިކަމާއި ދަރިން ތަރުބިއްޔަތު ކުރުމާގުޅޭ މުހިންމު މަޢުލޫމާތުތައް ހިމެނޭކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.