ޚަބަރު

އދ. އޮމަދޫ އަމިއްލަގޭގެ ކޮޓަރިއެއްގައި ރޯކޮށްލި މީހަކު ހައްޔަރު ކޮށްފި


  • ހައްޔަރު ކޮށްފައިވަނީ އދ. އޮމަދޫ ސްޓެއްލާ އަހްމަދު ނާފިއު 32 (އ)

  • އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާ ވެފައި ނުވޭ

އދ. އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އދ. އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލައިފާވާ މައްސަލައެއް ރޭ އެއިދާރާއަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

ކޮޓަރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި އދ. އޮމަދޫ ސްޓެއްލާ އަހްމަދު ނާފިއު 32 (އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.