ކުޅިވަރު

ނޮޅިވަރަމް ކައުންސިލް ކަޕުގެ ޗެމްޕިއަންކަން ކުލަބު ކްލަސްޓާއަށް


ހދ. ނޮޅިވަރަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ނޮޅިވަރަމް ކައުންސިލް ކަޕް 2025 ގެ ޗެމްޕިއަންކަން ކުލަބު ކްލަސްޓާއިން ހޯދައިފިއެވެ.

ފައިނަލް މެޗުގައި ކުލަބު ކްލަސްޓާއާ ވާދަކޮށްފަވަނީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކަންމަތި ސްޕޯޓްސްއެވެ. ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފަވަނީ ކުލަބު ކްލަސްޓާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ކެޕްޓަން މަޢައްދު ޢަދުނާނު (މާޑު)އެވެ. އެހެންނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކަންމަތި ސްޕޯޓްސްގެ މުހަންމަދު ނަޝީދު (ފޯވާޑު) ޖެހި ލަނޑާއެކު ދެ ޓީމުގެ ނަތީޖާ އެއްވަރުވިއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީޖަހައިގެންނެވެ.

ޕެނަލްޓީގައި 5-4ގެ ނަތީޖާއަކުން ކުލަބު ކްލަސްޓާއިން ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަވާއިރު އެމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ އެޓީމުގެ ގޯލް ބެލެހެއްޓި އަހުމަދު ފިޔާޒްއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކަންމަތި ސްޕޯޓްސްގެ ހުސައިން މުހަންމަދުއެވެ.

މިމަހުގެ 14 އިން 27 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި ޖުމްލަ 7 ޓީމަކުންވަނީ ވާދަކޮށްފައެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މިއީ ނޮޅިވަރަމު ކައުންސިލުގެ މިދައުރުގައި ބޭއްވި 3 ވަނަ ކައުންސިލު ކަޕެވެ. މިމުބާރާތުގެ ޗެމްޕިއަންޓީމަށް އިނާމުގެ ގޮތުގައި ވަނީ ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

ފައިނަލު މެޗަށްފަހު އަންނަ އަހަރުގެ ކައުންސިލު ކަޕު އޭޕްރިލްމަހުގެ ތެރޭގައި ބާއްވާނެކަން ވަނީ އިއުލާންކޮށްފައެވެ. މިކަން އިއުލާންކުރައްވަމުން ނޮޅިވަރަމު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ އަންނަ އަހަރުގެ މުބާރާތް އޭޕްރިލްމަހަށް ތާވަލުކޮށްފަވާކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތުގެ އިންތިޒާމުތައް މިމުބާރަތަށްވުރެ ފުރިހަމަވާނެކަމަށާ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ.