ޚަބަރު

މަދު ބަޔަކާ ހެދި އެތައް ބައެއްގެ ހައްޤުތަކެއް ދަނީ ގެއްލެމުން


މާލޭގައި މަދު ބަޔަކު މިހާރު ހިންގާ ސިޔާސީ ޙަރަކާތްތަކުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިގެންދާތީ އެފުރުޞަތު ދެވެން ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. 

އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވީ، ޤާނޫނު އަސާސީން އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ފަދައިން ރައްޔިތުންނަށް ކަށަވަރުކޮށްދެއްޖެހޭ އެހެން ޙައްޤުތަކެއްވެސް ޤަނޫނު އަސާސީގައި ބަޔާންވެގެންވާކަމަށެވެ. ޙަމްދޫން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ކޮންމެ ރެއަކު އެއްވުންތައް ކުރިއަށް ގެންގޮސް، އަޑުގަދަކުރާ ބޭނުންކޮށް ވާހަކަ ދެއްކުމާއި ބާރަށް ލަވަޖަހާތީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތްތަކުން ކެނޑިނޭޅި ފުލުހުންނަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށާއި މިއީ ޢާންމު އިޖުތިމާޢީ މިންގަނޑާވެސް ޚިލާފު ކަމެއް ކަމަށެވެ. މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށްވެފައި މަގުމަތީގައި މިފަދަ ސިޔާސީ ޙަރަކާތް ހިންގާނަމަ ވިޔަފާރިތަކަށާއި ޢާންމުންނަށް އެތައް އުނދަގުލެއް ކުރިމަތިވާތީ މަގުމަތީގައި ސިޔާސީ ޙަރަކާތް ހިންގަން ފުރުޞަތު ދެއްވެން ނެތްކަމަށް ޙަމްދޫން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/6647.jpg|ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝާދު- ފައިލް ފޮޓޯ: ޕޮލިސް މީޑިއާ

" 2016 އޮގަސްޓް 5 ވަނަ   ދުވަހާއި (މާދަމާ) އަދި އޮގަސްޓް 12 އަދި 13 ވަނަ ދުވަހު ސިޔާސީ ފަރާތްތަކުން އެކިކަހަލަ ސިޔާސީ ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމަށް މީޑިޔާގެ އެކިއެކި ވަސީލަތްތަކުން ދަނީ އަޅުގަނޑުމެންނަށް އަޑު އިވެމުން. ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ އެކަމާއި ގުޅިގެން ހެދިފައިވާ ޤަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް، ކަމާބެހޭ ފަރާތްތަކުން ނަންގަވަންޖެހޭ ހުއްދަތައް ނަންގަވައިގެން. މި ފުރުސަތުގައިވެސް ދަންނަވާލަން ބޭނުންވަނީ ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއެޅި އެތައް ބައެއްގެ ހައްޤުތައް ގެއްލޭގޮތަށް މާލޭގެ މަގުތައް ބަންދުކޮށް މަދުބައެއްގެ ސިޔާސީ މަޤްސަދު ހާސިލްކުރުމަށް ހިންގާ ހަރަކާތްތަކަށް ފުލުހުން ފުރުސަތެއް ނުދޭނަން" ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވިއެވެ. 

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ ހުކުރު ދުވަހަކު މިސްކިތްދޮށަށް އެއްވެ ދުޢާކުރުމުގެ ނަމުގައި ހިންގަނީ ސިޔާސީ ޙަރަކާތެއްކަމަށާއި މިސްކިތްތައް ކައިރިއަށް އެއްވެ ސިޔާސީ ޙަރަކާތް ހިންގުމަކީ މަނާކަމަކަށްވާތީ އެ ފުރުޞަތު ދެއްވެން ނެތްކަމަށް ޙަމްދޫން ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވަން ފުލުހުން ކުރައްވާ މަސައްކަތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ލިބޭ ގެއްލުމުގެ ޒިންމާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުއުފައްލަވާނެކަމަށް ޙަމްދޫން ވިދާޅުވިއެވެ.