ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެއްޖެއެވެ.
މި ދެ ޓީމުން އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި އިއްޔެ ހޮންކޮންގައި ކުޅުނު މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެފައިވާއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނިޓުގައި ޓޮޓްނަމް އަށް ކާމިޔާބު ކޮށްދީފައިވަނީ ޕާޕޭ މަޓަރ ސާރ އެވެ.
ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ ނޯތު ލަންޑަނުގެ މި ދެ ޓީމު ގައުމުން ބޭރުގައި ބައްދަލުކުރި ފުރަތަމަ މެޗެވެ.
ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި މި ސީޒަނަށް އަލަށް ހަވާލުވި ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން އެ ޓީމުން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު މިކޭލް އާޓޭޓާގެ އާސެނަލް އިން ވަނީ މުޅިން އެހެން ގޮތަކަށް މި މެޗުގައި ކުޅެން މަސައްކަތް ކޮށްފަ އެވެ.
އާސެނަލް އިން ޕްރީ ސީޒަނުގައި ކުޅެމުންދާ މެޗުތަކުގައި އެ ޓީމުގެ އެކަޑެމީ އިން ސީނިއާ ޓީމާއި ގުޅިފައިވާ ޒުވާން ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.
މިދިޔަ ސީޒަނުގައިވެސް ސެޓް ޕީސް ތަކުގައި އާސެނަލް އިން ގިނަ ލަނޑު ތަކެއް ޖަހާފައިވާއިރު މި މެޗުގައިވެސް އެ ޓީމުން ވަނީ ސެޓު ޕީސްތަކުގައި ޓޮޓްނަމްގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
އާސެނަލް އާއި ދާދި ފަހުން އަލަށް ގުޅުނު ވިކްޓޯރ ގިއޮކޭރެސް ވަނީ މި މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. މި މެޗުގެ 77 ވަނަ މިނިޓުގައި އާޓޭޓާ ވަނީ އޭނާ ކުޅެން އަރުވާފަ އެވެ.