ނުރައްކާތެރިކޮށް ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާޢީދުކުރައްވައިފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ނުރައްކާތެރިކޮށް ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު މުޙައްމަދު ނަސީމް ވަނީ ޤާނޫނުލް ޢުޤޫބާތަށް އިސްލާހެއް ހުށައަޅުއްވާފައެވެ.
ބިލަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު މުޙައްމަދު ނަސީމް ވިދާޅުވީ މި ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް، މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ. އަދި މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުތައް ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީވެސް ބިލުގެ މަޤުޞަދެއްކަމަށް މީކާއީލް ވިދާޅުވިއެވެ.
"މީހަކަށް އަނިޔާއެއް ލިބުނަސް ނުލިބުނަސް ފުރާނައަށް ނުރައްކާވާފަދަ ގޮތަށް އޮވަރޓޭކްކުރުމާއި ބާރު ސްޕީޑުގައި ނުބައި މަގުމަގުން ދުއްވުން ވަކި އަދަބެއްގެ ގޮތުގައި ކަނޑައެޅިގެން އެބަދޭ. އުންސިލްތަކުގެ ބަޖެޓުންވެސް ވަކި ޕަސެންޓޭޖެއް ޓްރެފިކް ހޭލުންތެރިކަމަށް ހޭދަކުރަންޖެހޭ. ތަންފީޒީ މަރުހަލާގައި މިކަން ހުއްޓުވަން ފުލުހުންގެ ދައުރު ބޮޑު." މީކާއިލް ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ މިފަހަކަށް އައިސް، މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ، ކަންބޮޑުވާންޖެހޭ މިންވަރަކަށް މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި އެތައް ބަޔަކު ޒަޚަމުވެ، ނުކުޅެދޭ ހާލަތަށް ގޮސްފައިވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު ރިފާޢު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ނުރައްކާތެރިކޮށް ދުއްވުމާއި ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމުން ދުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.
"ޤާޟީންނަށްވެސް އުނދަގޫތައް އެބަހުރި ނުރައްކާތެރިކޮށް ދުއްވުމުން ޙުކުމް ތަންފީޒްކުރުމުގައި ކުށެއް ގޮތުގައި ބަޔާންކޮށްފައި ނޯންނާތީ. މިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ މި އިސްލާހާއެކީ. އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބުމަށްވެސް ފަސޭހަވެގެންދާނެ." މެންބަރު ވިދާޅުވިއެވެ.
ބިލަށް ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ހުށައަޅާފައިވާ އިސްލާހުގެ އެންމެ ބޮޑު ބޭނުމެއްކަމަށް ފާހަގަވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވުމުގެ ކުރިން އެކަމުން މުޖުތަމަޢު ސަލާމަތްކުރުން ކަމަށެވެ.
ނާޒިލްގެ ވާހަކައިގައި މި އިސްލާހުގައި ޓްރެފިކް ގަވާއިދުތަކަށް މީހުން ހޭލުންތެރިކުރުމާއި އަހުލުވެރިކުރުމަށް މާއްދާތަކެއް ހިމެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހޭލުންތެރިކަން އުފެއްދުމަށް މިހާތަނަށް އައިރު، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަމަށާއި ކަމާބެހޭ ވުޒާރާއާއި ފުލުހުން ގުޅިގެން މި މަސައްކަތް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
"ކޮމިޓީ މަރުޙަލާގައި ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން ބިލުގައި ހިމަނަންޖެހޭ. ބިދޭސީން ލައިސަންސް ނަގާއިރު، ދިވެހި ލައިސަންސަށް ބަދަލުކުރާ މިންގަނޑުވެސް ތަންކޮޅެއް ހަރުކަށި ކުރަންޖެހޭ." މެންބަރު ވިދާޅުވިއެވެ.
މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ބިލަށް ތާޢީދުކުރައްވާފައެވެ. އަދި މިއީ މުހިންމު ބިލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.