ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާއި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. ބޯންމެރޯ ހެދުމަށް މިމަހު ރާއްޖެއިން 7 ކުއްޖަކު ފުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިއަހަރު ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު މިދިޔަ އޭޕްރީލް މަހުވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި ބާކީ ތިބި 7 ކުދިން މިމަހު ފޮނުވުމަށް މިހާރުދަނީ މަސައްކަތްކުރަމުންނެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހު ފުރާ 7 ކުދިންނާ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވާފައިވާކަމަށެވެ. މިބައްދަލުކުރެއްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވައިފި@MBS_mv pic.twitter.com/OsmjtFxv4Q
— Ministry of Health (@MoHmv) August 4, 2025
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދުވަނީ 2024 ވަނަ އަހަރު އެއްބަސްވުމެއް އެކުލަވާލާފައެވެ.
އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. އެހެންކަމުން އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރު ހުރި ޢިމާރާތް ބައުވުމާއި ގުޅިގެން ސަރުކާރުންވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ސެންޓަރުގެ ޚިދުމަތްތައް ބަދަލުކުރައްވާފައެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ބަދަލުކުރުމާއި ގުޅިގެން ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށާއި ލޭ ހަދިޔާކުރުމުގައި މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ ކުދިން އުފުލާ ބުރަ ކުޑަކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު އެކުދިން ދައްކަންޖެހޭ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖެހިފައެވެ.
މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރައްވަމުންނެވެ. ހަމައެއާއެކު ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށް ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެމަސައްކަތްވެސްވަނީ ފަށާފައެވެ.