ނިމިދިޔަ ޖުލައި މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 22 މީހަކު ޖޫރިމަނާކޮށްފިއެވެ. ފުލުހުން ވިދާޅުވީ 22 މީހުން ތެރެއިން އެކަކު 2 ބުރަށް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މިމައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 127،000 ( އެއްލައްކަ ހަތާވީސްހާސް ) ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ނިމިދިޔަ ޖޫންމަހާ އަޅައިބަލާއިރު ޖުލައިމަހު ޖޫރިމަނާ ކޮށްފައިވާ އަދަދުވަނީ ދަށްވެފައެވެ. އެގޮތުން ނިމިދިޔަ ޖޫން މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. މިމައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 170،000 ( އެއްލައްކަ ހަތްދިހަހާސް ) ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ ޖުލައި މަހުގެ އެކަކުން 31ގެ ނިޔަލަށް ވޭޕް ބޭނުންކޮށްގެން ޖުމްލަ 13 މީހަކު 62,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ވޭޕް ގެންގުޅެގެން 9 މީހަކު 58,000 ރުފިޔާއިން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
މީގެ އިތުރުން ވޭޕްގެ ވިޔަފާރިކޮށްގެން އެކަކު 7000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ޖުލައި މަހު މަހު ވޭޕް އަދި އީ-ސިނގްރޭޓާއި ގުޅުންހުރި ޖުމްލަ 15 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
* ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅެގެން 8 މައްސަލަ
* ވޭޕް އަދި އީ-ސިނގްރޭޓް ބޭނުން ކޮށްގެން 6 މައްސަލަ
* ވޭޕް އަދި އީ-ސިނގްރޭޓާ ގުޅުންހުރި އެހެނިހެން 1 މައްސަލަ
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.
އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.