އިދިކޮޅު ފަރާތްތަކުން މިވަގުތު އެންމެ އަޑު ހަރުކޮށް ދައްކަމުންދާ އެއް ވާހަކައަކީ ރައްޔިތުންގެ މަޖިލީހުން އަލަށް ފާސްކުރި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ކައުންސިލްތަކުގެ ބާރު ކެނޑޭ ވާހަކައާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދީފައިވާ ބާރުތައް ނިގުޅައިގަންނަކަމުގެ ވާހަކައެވެ. ނަމަވެސް ސުވާލަކީ މިއީ ޙަޤީޤަތުގައިވެސް ޤާނޫނަށް އިތުރުކޮށް އިސްލާހުކުރެވުނު އައު އަކުރުތަކުގެ މަޤުޞަދުތޯއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމުގެ ޙަޤީޤީ ބާރުވެރިކަމާއި މިނިވަންކަމާއި އުފާވެރިކަމާއި ހިތްހަމަޖެހުން ކައުންސިލްތަކަށް ލިއްބައިދޭނެކަމުގެ ވަޢުދާއެކުއެވެ.
މި ވަޢުދު ފުއްދެވުމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން މަސައްކަތް ފެށްޓެވިއެވެ. އެ ގޮތުން ކައުންސިލްތަކުގެ ކަންކަން ހަރުދަނާކޮށް، ސަރުކާރުގެ ތެރެއިން ކަންކަން ފަހިކޮށްދިނުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނަމުގައި އައު ވުޒާރާއެއް އުފެއްދެވިއެވެ. ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް ފަޅު ރަށްރަށް ދޫކުރަން ފެށްޓެވިއެވެ. މިއީވެސް ކައުންސިލްތަަކަށް މާލީ ބާރުވެރިކަން ފޯރުކޮށްދީ، އިޤުތިޞާދީ މިނިވަންކަން ހޯދައިދިނުމަށް ރައީސް މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެކެވެ.
ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނެސްފައިވާ އިސްލާޙުތަކަކީވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން ހުށައެޅުއްވި އިސްލާހުތަކެކެވެ. ބާރުތައް ނިގުޅައިގަތުމުގެ ވިސްނުމުގައި ގެނެސްފައިވާ އިސްލާހުތަކެއް ނޫނެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެ ގޮތުން ކައުންސިލުން ހިންގާ ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ކުރާ މަސައްކަތަކީ އަމިއްލަ މީހަކު ކުރަމުންދާ އިޤުތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކަމުގައި ވެގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމުގައި ކުންފުނިންކުރާ މަސައްކަތް ވާންޖެހެއެވެ. އަދި އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ ޢަދަދު 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑުވާންވާނެކަމަށްވެސް އިސްލާހުގައި ބަޔާންކުރެއެވެ.
މި ޝަރުތުތައް ކަނޑައެޅުމަކީ ކައުންސިލްތަކުން ހިންގާ ލޯކަލް އޮތޯރިޓީތަކުގެ ކުންފުނިތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އެ ކުންފުންޏަކުންކުރާ މަސައްކަތަކީ ރަށަށް ކޮންމެހެން ފައިދާކުރާނެ ކަމެއްގެ ގޮތުގައި ކަނޑައެޅުންކަމަށް މަޖިލީހުގެ ގިނަ މެންބަރުންވެސް ވަނީ ވިދާޅުވެފައެވެ. މި ބޭނުމުގައި ޝަރުތުތަކެއް ކަނޑައެޅުމަކީ ބާރު ނިގުޅައިގަތުން ނޫންކަން ޤަބޫލުކުރަންޖެހޭކަންވެސް މެމްބަރުން ފާހަގަކުރައްވައެވެ.
އައު އިސްލާޙުގައި ހިމަނާފައިވާ އަނެއް ކަމަކީ ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ ޢަދަދުކަމަށް ބަޔާންކުރާ ބައެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ސަރުކާރަށް ލިބޭކަން ޔަޤީންކުރެވެއެވެ.
ދެން އޮތް އަނެއް ކަމަކީ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ކައުންސިލްތަކުން ބަލަހައްޓަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާންކުރުމެވެ. އަދި އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން އެދިއްޖެ ޙާލަތެއްގައި އެ މަޢުލޫމާތު ކައުންސިލްތަކުން އެ ވުޒާރާއަށް ފޯރުކޮށްދޭންޖެހޭނެކަމަށްވެސް ބަޔާންކުރެމެވެ. މިކަމުން ކައުންސިލްތަކުގެ ބަލަހައްޓާ މާލީ ހިސާބުތައް މޮނިޓަރކުރެވި، މާލީ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓުމަށް ކައުންސިލްތަކަށް ބާރުއެޅެއެވެ.
މި އިސްލާޙުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ކައުންސިލްތަކުގެ ޢުމުރު ހަމަވާން ނުވަތަ ދައުރު ހަމަވާން އަހަރު ދުވަހަށްވުމުން ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ ބައެވެ. އެ ގޮތުން ދައުރުގައި 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ ކައުންސިލްތަކަށް ބައެއް ކަންކަން ނުނިންމޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްވެސް ވަނީ ދައުރު ހަމަވާން އަހަރަކަށްވުމުން ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން އައު ކައުންސިލެއް ހޮވަން ކައިރިވެފައި ވަނިކޮށް، ސިޔާސަތުތައް ބަދަލުކޮށް މިސްރާބު ބަދަލުކޮށްލެވޭކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
ޤާނޫނުގައި މިފަދައިން ބަޔާންކުރި ނަމަވެސް މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދައުރު ހަމަވާން އަހަރަކަށްވިޔަސް، ކޮންމެ ނިންމުމެއް ކައުންސިލްތަކަށް ނިންމިދާނެކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ. އެހެންކަމުން ކައުންސިލްތަކަށް ލިބިދީފައިވާ އެއްވެސް ބާރެއް ނިގުޅައިގަނެވޭ ވާހަކައެއް އައު އިސްލާހުތަކުގައި ނެތެވެ. އައު އިސްލާހުގައި އޮތީ ކައުންސިލްތައް ޒިންމާދާރުވެ، މަސައްކަތްތައް ހަރުދަނާކުރެވޭނެ އުސޫލުތަކެއްކަމާމެދު ޝައްކެއް ނެތެވެ.