ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕު ފްލޭވަރ ފުޅިތަކެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:14 ކަންހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމެންޓެއް ބަލައި ފާސްކުރި ކަމަށެވެ. އަދި އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރެއިން 242 ވޭޕު ފްލޭވަރ ފުޅި ފެނި، އެ ތަކެތި ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:46 ކަންހާއިރު، ފަރީދީ މަގު ގަޑި ބުރު ކައިރީގައި ހުންނަ ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ތެރެއަށް ބަޔަކު ވަދެ ކޭބަލް ބުރިކުރި މައްސަލައެއްވެސް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ ވޭޕު ފްލޭވަރ ފުޅީގެ މައްސަލައާއި ކޭބަލް ބުރިކުރި މައްސަލަވެސް ތަޙުޤީޤުކުރައްވަމުންނެވެ.