ޚަބަރު

ކަމަދޫ ސްކޫލްގެ އައު ޢިމާރާތް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފި


  • މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 5 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް

ކަމަދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އެސްކޫލްގައި އައު ޢިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ކަމަދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެރަށު ސްކޫލްގައި އައު ޢިމާރާތެއް ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތުން އެސްކޫލްގައި އައު 2 ކްލާސް ރޫމް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. އެކޯޕަރޭޝަނާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މިއެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.


ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއްކަމުން މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތާއެކު އެކަން ހައްލުވެގެންދާނެކަމަށެވެ.

"ކަމަދޫގެ އައު ސުކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި ހަދައިދޭނެކަމުގެ ޔަގީންކަން ދެން" ރައީސް ވިދާޅުވިއެވެ.

80 ވަރަކަށް ކުދިން ތަޢުލީމު ޙާސިލުކުރަމުންދާ ކަމަދޫ ސްކޫލްގެ ޖާގައިގެ މައްސަލައައް މި އައު ޢިމާރާތާއެކު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއް ދަންފަޅިއަށް ކުރިއަށްގެންދާ ކަމަދޫ ސްކޫލްގައި އެލްކޭޖީ، ޔޫކޭޖީގެ އިތުރުން ގްރޭޑު 1 އިން ފެށިގެން 10 އަކަށް އަންނަނީ ތަޢުލީމު ފޯރުކޮށްދެމުންނެވެ.