ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެންދޫއަށް ވަޑައިގަންނަވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 3ވަނަ ރަށެވެ.
ބ. ކެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި ޢުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް މަރުޙާބާއެއް ކިޔާފައެވެ.
ކެންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކެންދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެންދޫގައި އަލަށް ޤާއިމުކުރި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ، ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުންވެސް އޮންނާނެއެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން 13 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ. އެ ރަށްރަށަކީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.
ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސަރުކާރު ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤުޞަދެކެވެ.