ޚަބަރު

ފުރަތަމަ ފަހަރަށް މުޅި ރާއްޖެ ހިމެނޭހެން ގައުމީ ބެޑްމިންޓަން ޓީމު އެކުލަވާލަނީ


ފުރަތަމަ ފަހަރަށް މުޅި ރާއްޖެ ހިމެނޭހެން ގައުމީ ބެޑްމިންޓަން ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށާއި ސިލެކްޝަން މެޗުތައް ފަށައިފިއެވެ.

އެމްއޯސީ އާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުން އެކުލަވާލާފައިވާ އެޑްހޮކް ކޮމިޓީއަކުން ވަގުތީގޮތުން ބަލަހައްޓަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމު އެކުލަވާލަން ބާއްވާ ސިލެކްޝަނުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ.

ގައުމީ ބެޑްމިންޓަން ޓީމު އެކުލަވާލާއިރު އަންހެން 8 ކުޅުންތެރިންނާއި ފިރިހެން 8 ކުޅުންތެރިން ހޮވާނެއެވެ. ކުޅުންތެރިން ހޮވާނީ ސިލެކްޝަން މެޗުތަކުގެ ނަތީޖާއަށް ބަލާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ރޭންކިންއަށެވެ.

ދެ ޖިންޖުގެ ކުޅުންތެރިން 6 ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ސެލެކްޝަން މެޗުތަކުން ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ކުޅުންތެރިޔާއަށް ގައުމީ ޓީމުގެ ޖާގަ ލިބޭނެއެވެ. އަދި ބާކީ ދެޖާގައަށް ނަގާނީ ގައުމީ ޓީމުގެ ކޯޗު ކަނޑައަޅާ ދެ ކުޅުންތެރިންނެވެ.

އެކުވެނީގައި މިއަދު ސިލެކްޝަން މެޗުތައް ފަށާފައިވާއިރު ސިލެކްޝަނުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރޭގައި މާލެ ސިޓީ، ބ. އޭދަފުށި، ޅ. ނައިފަރު އަދި އައްޑޫ ސިޓީގެ ކުޅުންތެރިން ހިމެނެއެވެ. މިއަދާއި މާދަމާ ސިލެކްޝަން މެޗުތައް ކުރިޔަށް ދާނެއެވެ.