މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މިދުވަހަކީ ޒުވާނުންގެ ހުނަރުތަކާއި ޤާބިލުކަން ފާހަގަކޮށް، މުޖުތަމަޢުގެ ތަރައްޤީގައި އެމީހުންގެ ބައިވެރިވުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. ޒުވާނުންނަކީ ކޮންމެ ޤައުމެއްގެވެސް ކުރިމަގުގެ ތަޅުދަނޑިއެވެ. އެހެންކަމުން ޒުވާނުންގެ ބާރުވެރިވުން އިތުރުކޮށް، ޒުވާނުންނަށް ތަރައްޤީގެ ދޮރުތައް ހުޅުވައިދިނުމަކީ، ޤައުމީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ޒުވާނުންގެ ދުވަހަށް މިއަހަރު އދއިން ކަނޑައަޅާފައިވާ ޝިޢާރު ގުޅުވާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގައި ޒުވާނުންގެ ދައުރެވެ. އެގޮތުން މިއަހަރުގެ ޝިޢާރަކީ "ލޯކަލް ޔޫތު އެކްޝަންސް ފޮރ ދަ އެސްޑީޖީސް އެންޑު ބިޔޯންޑު" މިއެވެ.
ރާއްޖޭގައި ޒުވާނުން ކަމުގައި ބަލަނީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 35 އިންސައްތައަކީ ޒުވާނުންނެވެ.
ޒުވާނުންގެ ހުނަރުތަކާއި ހަކަތަ ރަނގަޅަށް ބޭނުންކުރެވިއްޖެނަމަ، ޤައުމީ ތަރައްޤީއަށް ކުރާނެ ފައިދާ ބޮޑުވާނެއެވެ. ޒުވާނުންނަކީ އަބަދުވެސް އީޖާދީ ޚިޔާލުތަކާއި އައު އުފެއްދުންތެރިކަމުގެ ރޫހު ހުންނަ ބައެކެވެ. އެހެންކަމުން، އެމީހުންނަކީ މަސައްކަތް ހޯދާ ބަޔަކަށްވުރެ ބޮޑަށް، މަސައްކަތް އުފައްދާ، އަމިއްލަ ވިޔަފާރިތައް (ސްޓާޓަޕްސް) ފަށައި، އިޤުތިޞާދަށް ދިރުން ގެނެސްދޭ ބަޔަކަށް ވާންޖެހެއެވެ. ވުމާއެކު، ޒުވާނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމަކީ ޤައުމީ އިޤުތިޞާދު ބިނާކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ބިންގަލެކޭ ބުނެވިދާނެއެވެ.
އަދުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ބާރުވެރި ޤާބިލް ބަޔަކަށް ޒުވާނުން ހެދުމަށް ގިނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. މީގެ ކުރިން ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާ އެއް ވުޒާރާއެއްގެ ގޮތުގައި ހިންގެވިނަމަވެސް، ރައީސް ޑރ. މުޢިއްޒު ވަނީ ޒުވާނުންނަކީ ވަކި ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވައި، 'ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ'ގެ ނަމުގައި ޚާއްސަ ވުޒާރާއެއް ކަނޑއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒުވާނުންނާ ގުޅޭ ސިޔާސަތުގެ ދަށުން ޒުވާނުންނަކީ އުފެއްދުންތެރި، ފުދުންތެރި ދިރިއުޅުމެއްގައި އުޅެވޭނޭ ބަޔަކަށް ހެދުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތްވެސް އެވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން އެ ވުޒާރާއިން މިއަހަރުގެ ތެރޭގައި ވަނީ ގިނަ ތަމްރީން ޕްރޮގުރާމްތަކާއި ޒުވާނުންނަށް އެކި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތަކެއް ފަށްޓަވާފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮގްރާމަކީ، "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެވެ. "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް"އަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އުމުރުން 16 އަހަރާއި 35އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގި މި ޕްރޮގްރާމުގެ ކޯސްތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމާކާ ނުލައި، މުޅިން ހިލޭ ކޯސްތަކެކެވެ.
އެވުޒާރާއިން ފައްޓަވާފައިވާ އެންމެ ފާހަގަކޮށްލެވޭ އަނެއް މަސައްކަތަކީ އެޕްރެންޓިސްޝިޕް ޕްރޮގުރާމްތަކެވެ. މި ޕްރޮގުރާމްތަކަކީ ދިވެހި ޒުވާނުންނަކީ ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވެފައިވާ، އިތުބާރާއެކު މަސައްކަތް ކުރެވޭނެ ފެންވަރުހުރި ހުނަރުވެރި ބަޔަކަށް ހެދުމަށް ކުރިއަށްގެންދިޔަ ޕްރޮގުރާމްތަކެކެވެ.
މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ޒުވާޏުންނަށް ޙާއްސަކޮށްގެން "ޒުވާނުންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ. ޒުވާނުންގެ ހޮޅުއަށްޓަކީ ޒުވާނުންނާއި ބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. އަދި މިއީ ޒުވާޏުންނަށް ފުރުޞަތުތައް ތަނަވަސްކޮށްދީ ޒުވާނުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދިނުމާއި، ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމުގެ އަމާޒުގައި ކުރިއަށްގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
މާލީ ގޮތުން ޒުވާނުން ބާރުވެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ޒުވާނުންނަށް ޚާއްސަ ލޯނު ސްކީމްތައް ތަޢާރަފްކުރުމެވެ. އެގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް، އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ޒުވާނުންނަށް ލުއި ޝަރުތުތަކުގެ ދަށުން ލޯނު ސްކީމްތައް ވަނީ ތަޢާރަފްކޮށްފައެވެ. އަދި އީޖާދީ ޚިޔާލުތައް ހުރި ޒުވާނުންނަށް އެ ޚިޔާލުތައް ވިޔަފާރިއަކަށް ހެދުމަށް އެހީތެރިވުމަށްޓަކައި، ވިޔަފާރި އިންކިއުބޭޓަރ ޕްރޮގްރާމްތަކާއި މެންޓަރޝިޕް ފުރުސަތުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ޒުވާނުން ކުރަންޖެހޭކަމެއްވެސް އެބައޮތެވެ. އެއީ ކުރިއެރުމަށްޓަކައި ސަރުކާރުން އެއްލާ ވަލުގައި ހިފުމެވެ. ސަރުކާރުން ހިންގާ ތަމްރީންތަކުގައި ބައިވެރިވެ، ފުރިހަމަ ގޮތުގައި އެއިން މަންފާ ލިބިގަތުމެވެ. ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމެވެ.
ހިތްވަރާއެކު ކެރިގެން ޤައުމުގެ ކުރީ ސަފަށް ސަރުކާރުން ފަހިކޮށްދެއްވާ ޖާގަތަކުގެ ބޭނުން ހިފައި، ޚިޔާލާއި މަޝްވަރާ ހިއްސާކުރާ ބަޔަކަށް ޒުވާނުން ވާންޖެހެއެވެ. އެހެންކަމުން މިއަދު ޒުވާނުން ޢަޒުމު ކަނޑައަޅަންވީ އެންމެ ކަމެއް ކުރުމަށެވެ. އެއީ ޤައުމަށް ބޭނުންތެރި ފައިދާހުރި ބަޔަކަށް ވުމަށެވެ.