ޚަބަރު

ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގުރާމުތައް ހިންގުމަށް އެޗްޑީސީން އެމްއައިޓީއާއެކު އެއްބަސްވުމެއް


  • މިޕްރޮގްރާމުގެ ތެރެއިން ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގާނެ

  • ވީލްޗެއަރ ރިޕެއަރ އެންޑް މެއިންޓަނެންސް ޕްރޮގުރާމުތައްވެސް ކުރިއަށްގެންދާނެ

ޒުވާނުން ބާރުވެރިކޮށް، ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން، އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަހްމަދު މުހައްމަދެވެ. އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ.

އެޗްޑީސީން ވިދާޅުވީ އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އަންހެނުންނާއި ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން، އަލަށް ސްކޫލް ނިންމާ ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އަދި ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި، މޮޓޯ ސައިކަލް ރިޕެއަރ އެންޑް މެއިންޓަނަންސް ޕްރޮގުރާމްތަކުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން، ވީލްޗެއަރ ރިޕެއަރ އެންޑް މެއިންޓަނަންސް ޕްރޮގުރާމުތައްވެސް މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ޒުވާނުންނަށް ޚާއްސަކޮށް އެޗްޑީސީން އިސްނަގައިގެން މިފަދަ ޕްރޮގުރާމުތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގައި ޒުވާނުން ބާރުވެރިކުރުވުމަކީ އެޗްޑީސީގެ އަމާޒެއްކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.