ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ވާދަކުރިއިރު ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ޖަޕާނުގެ ޝުންޖީ ފުކުޝިގާ 37 އަހަރު ފަހުން ރާއްޖައަށް އާދެވުމުން ހައިރާންކޮށްލައިފި ކަމަށް ބުނެފިއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ޖަޕާނަށް ދިއުމުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަދައްކަމުން ޝުންޖީ ބުނީ ފުރަތަމަ ރާއްޖެ އައިއިރު ފެނުނީ ކުޑަކުޑަ ޖަޒީރާ ރަށްތަކެއް ކަމަށާއި، އޭގެ 37 އަހަރު ފަހުން ރާއްޖެއައިރު ފެނުނު މަންޒަރު މުޅިން ތަފާތު ކަމަށެވެ. ވަރަށް ބޮޑަށް ރާއްޖެ އޮތީ ބަދަލުވެފައިކަން ފާހަގަކުރަމުން ޝުންޖީ ބުނީ ރާއްޖެއިން ތަރައްގީވެ ކުރިއެރުންތަކެއް ހޯދައިފި ކަމަށެވެ.
ޝުންޖީ ފުރަތަމަ ފަހަރަށް ރާއްޖެ އައީ 1988 ވަނަ އަހަރު ސޯލް އޮލިމްޕިކް ގޭމްސްއަށް ރާއްޖޭގެ ޓީމުގެ ކޯޗަކަށެވެ. އޭރު ރާއްޖޭ ދުވުމަށް ޝައުގުވެރިވެގެން އެތުލެޓިކްސްގައި ހަރަކާތްތަރެވާ މާގިނަ ޒުވާނުންތަކެއް ނުފެންނަ ކަމަށާއި، އެކަމަކު މިހާރު އެ މަންޒަރު ބަދުލުވެއްޖެ ކަމަށް އޭނާ ބުންޏެވެ.
އުމުރުން 34 އަހަރުގައި ރާއްޖެ އައި ކޯޗު ބުނީ މިހާރު ރާއްޖެއިން ކޮންމެ ކުޅިވަރެއްގައިވެސް ޝައުގާއެކު މަސައްކަތްކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި، އެއީ ދިވެހި ކުޅިވަރަށް އައި ހެޔޮބަދަލެއް ކަމަށެވެ.
"މިހާރު ވަރަށް ގިނަ ކުޚިވަރުތަކުން ވަރަށް ގިނަ އެތުލީޓުން ޝައުގުވެރިކަމާ އެކު މަސައްކަތް ކުރޭ، އެއީ ރަނގަޅެއް." ވެލާނާ އިންޓަރނޭޝަން އެއާޕޯޓުގައި ހުރެ ޖަޕާނަށް ފުރުމުގެ ކުރިން ވާހަކަދައްކަމުން ޝުންޖީ ބުންޏެވެ.
1988 އަހަރު އޮލިމްޕިކްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމު ވާދަކުރުމުގެ ކުރިން ޖަޕާންގެ ނަނަގާނޯ ސިޓީގައި ޒުޑަގަވާގެ އެހީތެރިކަމާއެކު 2 ހަފުތާގެ ތަމްރީންތަކެއް ހުރިހާ ޚަރަދެއް ހަމަޖެއްސުމަށް ޝުންޖީ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.
ޝުންޖީ ބުނީ ކުޑަކުޑަ ރާއްޖެއިން މިހާރު ފެނުނީ ވަރަށް އުންމީދީ އެތުލީޓުންތަކެއް ކަމަށާއި، އޭގެ އެންމެ ބޮޑު ހެއްކަކީ ޝައުގުވެރިކަމާއެކު ކުރިއެރުން ހޯދަން ރާއްޖޭގެ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
ކޮންމެ އެތުލީޓެއް ވަކި އަމާޒެއް އޮވެގެން މަސައްކަތް ކޮށްފިކަމަށްވާނަމަ ކާމިޔާބަކީ ދުރުގައިވާ އެއްޗެއް ނޫން ކަމަށް ޝުންޖީ ބުންޏެވެ. އެގޮތުން ބޭނުންވަނީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށް ޝުންޖީ ފާހަގަކުރިއެވެ.
ޝުންޖީގެ މި ނުރަސްމީ ދަތުރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ އޭނާއާ ބައްދަލުކޮށް ޝުންޖީ ކޮށްދިން ޚިދުމަތައް ޝުކުރުއަދާކޮށްފައެވެ. އަދި އޮލިމްޕިކް ކޮމިޓީން ވަނީ ރާއްޖޭ އެތުލިޓިކްސްއަށް ޝުންޖީގެ އެހީތެރިކަމާ އެކު ހޯދި ކުރިއެރުން ފާހަގަކޮށް އެކަމަށްވެސް ޝުކުރުއަދާކޮށްފައެވެ.
ޝުންޖީ ބުނީ ރާއްޖޭގެ އެތުލިޓިކްސްއަށް ކޮށްދިން ޚިދުމަތް ފާހަގަކުރީތީ އެކަމާ ވަރަށް އުފާވާ ކަމަށާއި، އެނބުރި ގައުމަށް ފުރަނީ ހިތްހަމަޖެހިގެން ހުރެ ކަމަށެވެ.
ޝުންޖީ ކޯޗުގެ އެހީތެރިކަން އެތުލެޓިކްސް ޓީމުން ވަނީ 1992 ވަނަ އަހަރު ކަލްކަތާގައި އޮތް ސާފް ގޭމްސްގައިވެސް ހޯދާފައެވެ. އޭގެ ފަހުން 1992 ވަނަ އަހަރު ބާސެލޯނާގައި އޮތް އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ރާއްޖޭގެ އެތުލެޓިކްސް ޓީމު ނުކުތީވެސް ޝުންޖީގެ އިރުޝާދުގެ ދަށުންނެވެ.
ޝުންޖީ އަކީ ރާއްޖޭގެ އެތުލެޓިކްސް ޒަމާނީ ތަމްރީންތަކާއި ދިމާލަށް މިސްރާބު ބަދަލުކޮށްލުމުގެ އެންމެ ބޮޑު އެއް މޭސްތިރިޔާއެވެ.