ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތިލަފުށީގައި ތަރައްޤީކުރާ ކޮންޓައިނަރ ޑެޕޯއަކީ 2000 ކޮންޓެއިނަރުގެ ޖާގައިގެން ތަނެކެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ވިދާޅުވީ، ތިލަފުށީގައި ތަރައްޤީކުރާ ލޮޖިސްޓިކް ޓާމިނަލު މަޝްރޫޢުގެ %87 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެގޮތުން ކީ ވޯލްގެ ކޮންކްރީޓް ބޮލޮކްތަކުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، އެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކީ ވޯލްގެ ކޮންކްރީޓް ކެޕިންގެ މަސައްކަތްތައްކަަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، އޮޕަރޭޝަންސް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން، އެމްޓިސީސީއާ ޙަވާލުކޮށްފައިވަނީ 60 މީޓަރުގެ އެތެރެ ތޮށްޓެއް ލުމާއި އިތުރު 15 މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތުގެ އިތުރުން، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތެވެ.
ތިލަފުށީގައި ތަރައްޤީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތް ނިމުމާއެކު އެމްޕީއެލްއިން އެތަނުގައި ވޯރކްޝޮޕާއި އޮފީސް އިމާރާތެއްގެ އިތުރުން ލައިތް ޕޯސްޓައް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އަމާޒަކީ 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެކި މަރުހަލާތަކަށް ބަހާލައިގެން ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕޯޓުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުތެރޭ ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެޕްއެލްއިން ދަނީ ކުރަމުންނެވެ.
އިންޓަގްރޭޓެޑް ލޮޖިސްޓިކް ޓާމިނަލުގެ މަސައްކަތުގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މަަސައްކަތް އެއްކޮށް ނިމޭއިރު، މާލެ ވިޔަފާރި ބަނދަރަށް އަދި ހުޅުމާލެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެކަމަށް އެމްޕީއެލްއިން ޤަބޫލުކުރައްވައެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.