ފިސްތޯލައެއް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވެވި 10 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.
އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި ފަށާފައިވަނީވެސް މިއަދުއެވެ. މިއަދު ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި ވާހަކަދައްކަވަމުން އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ދަށުކޯޓްގައި މައްސަލަ ކުރިޔަށްދިޔައިރު އަދީބާއި ބައްދަލަކުރުމަށް ފުރުސަތު ލިބިފައިވަނީ ހަފްތާއަކު ދެދުވަހުކަމަށެވެ. އެހެންކަމުން ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.
އެވާހަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ދަށުކޯޓްގައި މައްސަލަ ކުރިޔަށް ގެންދެވިއިރު ހެކިބަސް ނެގުމާއި ދޭތެރޭ ތިން މަހެއްހާ ދުވަސް ހޭދަވެފައިވާކަމަށާއި މައްސަލައިން ދިފާއުވުމަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު އަދީބަށް ލިބިފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދޮން އޮންނާނީ ހުކުމް ކުރެއްވުންކަމަށެވެ. މި މައްސަލަ ބައްލަވަނީ ހައިކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ފިސްތޯލަ ގެންގުޅުއްވި މައްސަލާގައި ޓެރަރިޒަމް ކުށްސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އަހުމަދު އަދީބު ތަންފީޒުކުރައްވަމުން ގެންދަވާއިރު އިތުރު އެހެން މައްސަލަތަކާއި އެކު 33 އަހަރުގެ ޖަލު ހުކުމެއް އަހުމަދު އަދީބު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.